މިއަހަރު އޮންނަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު، ފޯމު ހުށަހެޅި އަންހެނުންގެ ނިސްބަތަކީ 10.76 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.
މަޖިލީސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، 93 އިިންތިހާބީ ދާއިރާ އަށް ވާދަކުރަން 381 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގާތްގަނޑަކަށް ސާޅީހަކަށް އަންހެން ކެންޑިޑޭޓުންނެވެ.
"އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10.76 ޕަސެންޓަކީ އަންހެން ބޭފުޅުން،" ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީއާ މެދު ނިންމި ގޮތް ރޭގެ ނިޔަލަށް އީމެއިލްގެ ޒަރީޔާއިން އަންގާފައި ވާނެ ކަމަށެވެ. ނަމަވެސް ކެންޑިޑެސީ ސައްހަ ނޫން ކަނޑައަޅާފައިވަނީ ކިތައް މީހުންގެ ކަމެއް އީސީ އިން އަދި ހާމައެއް ނުކުރެ އެވެ.
އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރަން ގުރު ނެގުން މިއަދު މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ގުރު ނެގުމުގައި ކެންޑިޑޭޓުންނަށް ވަަޑައިނުގެންނެވޭނަމަ ބަދަލުގައި އަންނަ މީހެއް ބަޔާންކޮށް، ސިޓީއާއެކު އައުމަށް އިލެކްޝަންސް އިން ވަނީ އެދިފަ އެވެ. ކެންޑިޑޭޓުގެ ފަރާތުން އެއްވެސް މީހަކު ހާޒިރު ނުވާނަމަ ގުރު ނަގާނީ އީސީގެ އޮފިޝަލެއް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.







