މާލެ: 31°C
މަޖިލިސް އިންތިހާބުގެ ވޯޓްލުން 8:00 އިން 5:00 އަށް ބާއްވަން ހުށަހަޅައިފި

މަޖިލިސް އިންތިހާބުގެ ވޯޓްލުން 8:00 އިން 5:00 އަށް ބާއްވަން ހުށަހަޅައިފި

January 23, 2024
3 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބުގެ ވޯޓްލުން 8:00 އިން 5:00 އަށް ބާއްވަން ހުށަހަޅައިފި
އަންނަ ރޯދަމަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އަށް އަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުނަށް ގައުމީ ލަފާދޭ ކޮމިޓީން މިއަދު ހުށަހަޅައިފިއެވެ. މިއަދު ދަރުބާރު ގޭގައި ކުރިއަށްގެންދިޔަ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ އެ ކޮމިޓީގެ މެންބަރުންނަށް ފެންނަ ވަގުތެއް ހުށަހަޅަން ފުރުސަތު ހުޅުވާލެވިފައެވެ. އެގޮތުން، އެ ފުރުސަތުގައި ހުރިހާ ސިޔާސީ ޕާޓީއަކުންނާއި މުއައްސަސާތަކުން ވެސް ބުނީ ވޯޓުލުން ބާއްވަން ފެންނަނީ އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 ޖަހަންދެން ކަމަށެވެ. އެހެނިހެން މަސްތަކެއްގައި އިންތިހާބު ބާއްވާނަމް ވޯޓުލުން ފަށަނީ ހެނދުނު 8 ޖަހާއިރު ނަމަވެސް މިފަހަރު ވޯޓުލާން ފަށާ ގަޑި ލަސްކުރަން ކޮމިޓީން ހުށަހެޅީ ރޯދަމަސް ކަމަށް ވުމާ އެކު، ހުރިހާ މީހުންނަށް ވެސް ވީހާ ވެސް ބޮޑަށް ފަސޭހަކުރަން ބޭނުންވާތީ އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ ވޯޓުލާ ވަގުތު އިތުރުކޮށް ނުވަތަ އިތުރު ބަދަލެއް ނުގެނައުމަށް އެދިފައެވެ. އެހެންކަމުން، ހަބީބް ވަނީ މި ފަހުން ބޭއްވި އިންތިހާބުތަކުގައި ވެސް އަމަލު ކޮށްފައި ވާނީ އެގޮތަށް ކަން ފާހަގަކުރައްވައި އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި އިތުރަށް ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާ ކަމަށެވެ. ރާއްޖޭގައި ބާއްވާ އިންތިހާބުތައް އާންމުކޮށް ބާއްވަނީ ހޮނިހިރު ދުވަހެއްގައިވީ ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މިހާރު އިއުލާންކޮށްފައިވާ ތާރީހަކީ އާދިއްތަ ދުވަހެވެ. އޭގެ އިތުރުން، އިންތިހާބު ތަކުގައި ބާތިލު ވޯޓުގެ އަދަދު ރެކޯޑް އަދަދަކަށް ގިނަވެފައިވާކަން ހަބީބް ވިދާޅުވީ އެކަން ހައްލު ކުރުމުގެ ގޮތުން ކޮމިޝަނުން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ. ހަބީބް ވިދާޅުވީ އެ ދިރާސާގައި އިންތިހާބުގެ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް ކަމާބެހޭ މައުލޫމާތު ލިބުމުގައި މައްސަލަތަކެއް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. "ކުރި ދިރާސާ އިން ދައްކަނީ، ޓްރެއިނިންގައި ސައްހަ ވޯޓުގެ ބަދަލުގައި ބާތިލުވޯޓުގެ ވާހަކަ ބޮޑަށް ދެއްކިފައިވާކަން، އެހެންކަމުން އެ ތަޖުރިބާގެ އަލީގައި މިފަހަރު ބަދަލުތަކެއް ގެނެސްފައި ވަނީ، ކުރީގެ ތަޖުރިބާގެ އަލީގައި ތަފާތު ގޮތަކަށް މިފަހަރު ޓްރެއިނިން ހަމަޖައްސާފައި ވަނީ،" ހަބީބް ވިދާޅުވިއެވެ. އަދި ބާތިލު ވޯޓުގެ އަދަދު ގިނަވެގެން ދިޔައީ އިންތިހާބުތަކާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން، ވޯޓު ކަރުދާހުގެ ސައްހަކަން ބެލުމުގައި ހަރުކަށި ވެގެން ދިއުމުން ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މާޗް 17 ގައެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާތެރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ