މާލެ: 31°C
މަޖިލިސް އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މިހާތަނަށް ކުރިމަތިލީ 5،240 މީހުން، ސުންގަޑި މިއަދު ހަމަވަނީ

މަޖިލިސް އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މިހާތަނަށް ކުރިމަތިލީ 5،240 މީހުން، ސުންގަޑި މިއަދު ހަމަވަނީ

February 19, 2024
4 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މިހާތަނަށް ކުރިމަތިލީ 5،240 މީހުން، ސުންގަޑި މިއަދު ހަމަވަނީ
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮފިޝަލުންނަށް ވުމުގެ ސުންގަޑި މިއަދު ހަމަވާއިރު، މިހާތަނަށް ފޯމް ހުށަހެޅީ 5،240 މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިންތިހާބުގެ އޮފޝަލުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިދިޔަ މަހުގެ 31 އިން ފެށިގެން ހުޅުވާލާފައިވާއިރު، އެ ވަގުތު ހަމަވާނީ މިއަދު މެންދުރުފަހު 3:00 ގައެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ގާތްގަނޑަކަށް 6،000 އޮފިޝަލުން ބޭނުންވާއިރު، އިއްޔެގެ ނިޔަލަށް އޮފިޝަލުންގެ ގޮތުގައި އީސީއަށް، 5240 ބޭފުޅުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފެލިދެއަތޮޅު، މާލެ ސިޓީ އަދި ބައެއް އެހެން ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކަށް އިތުރު އޮފިޝަލުން ބޭނުންވާއިރު، އޮފިޝަލުންގެ ގޮތުގައި ކުރިމަތިލައްވާ ބޭފުޅުންނަށް އެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމަޔަށް ހުޅުވިފައިވާ ކަމަށް ހަބީބް ވިދާޅުވެފައިވެއެވެ. އަދި އޮފިޝަލުންގެ އެލަވަންސް ގާތްގަނޑަކަށް، -/3500ރ އާއި -/2500ރ އާ ދެމެދު ދެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. https://twitter.com/IsmailHabeeb/status/1759448762253262906 ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މި ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް 1414 އަށް ގުޅުއްވުމަށް ވަނީ އަންގާފައެވެ. މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކުން ވާދަކުރާއިރު، 368 ކެނޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފައެވެ. އީސީން ހާމަކުރި ގޮތުގައި އޭގެތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނެވެ. އެގޮތުން، 130 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. އޮފިޝަލުންނަށް ވާން ކުރިމަތިލާ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 10 އާ ދެމެދު ބާއްވަން އީސީން ނިންމާފައިވާއިރު، މި ޕްރޮގްރާމް ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ނުވެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމާއިރު، އިންތިހާބު ފަސްކުރުމަށް އެދި މަޖިލީހަށް ލާފައިވާ މައްސަލައިގައި، ރޯދަމަހުގެ ފަހަށް އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށްއެވެ. ނަމަވެސް އެ ބިލް ރައީސް ޑރ. މުއިއްޒު އަދި ތަސްދީގެއް ނުރައްވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ