މާލެ: 31°C
މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

February 1, 2024
3 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީން ކުރި އިއުލާނެއްގައި ބުނީ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހެނދުނު 8:30 އިން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 4:00 އަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓާ ވާން އެދޭ ފަރާތްތައް އެކަނި ކަމަށް އީސީން ބުނެފައިވެއެވެ. އޭގެ އިތުރުން، އީސީން ބުނީ ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ މީހުން އެ މީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެއެވެ. އެ ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނީ އެ ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ. އަދި މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެ އިންތިޒާމު ގާއިމްކޮށްފައިވާނެ ކަމަށާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ. އީސީން އިތުރަށް ބުނެފައިވަނީ ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުން ކަމަށެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަހުގެ 6 ވަނަ ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ