މާލެ: 31°C
މަޖިލިސް އިންތިހާބަށް ކުރިމަތިލާއިރު 23 ލިޔުމެއް ހަމަކުރަން ޖެހޭ

މަޖިލިސް އިންތިހާބަށް ކުރިމަތިލާއިރު 23 ލިޔުމެއް ހަމަކުރަން ޖެހޭ

January 30, 2024
4 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބަށް ކުރިމަތިލާއިރު 23 ލިޔުމެއް ހަމަކުރަން ޖެހޭ

އަންނަ މާޗް 17ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަމަހުގެ 14 އާ ހަމައަށް ހުޅުވާލި އިރު، އެ އިންތިހާބަށް ކުރިމަތިލާއިރު 23 ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބަށް ކުރުމަތިލުމަށް ހުޅުވާލައި އީސީ އިން މިއަދު ކުރި އިއުލާނުގައި ވަނީ އެ ލިޔުންތަކުގެ ތަފްސީލު ހިމަނާފައެވެ.

 " ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ނަން.
  2. އުފަން ތާރީޚް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު).
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް).
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް).
  6. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
  7. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު).
  8. ކުރިމަތިލާ މީހާގެ އީމެއިލް އެޑްރެސް.
  9. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ (ކުލަ) (އިންތިޚާބާ ގުޅިގެން ކޮމިޝަނުން އާންމުކުރެވޭ ބައެއް ލިޔެކިއުންތަކުގައި ބޭނުންކުރާނީ މި ފޮޓޯއެވެ.)
  10. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.
  11. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އިންތިޚާބުގެ ބޭނުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އިންތިޚާބުގެ ޚަރަދުތަކަށް އެކަނި ޚާއްސަކޮށް އަލަށް ހުޅުވި އެކައުންޓްގެ ނަމާއި، އެކައުންޓް ނަންބަރު.
  12. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް.
  13. ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ   މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު).
  14. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/5،000 (ފަސް ހާސް) ރުފިޔާގެ އިދާރީ ފީ. (އިދާރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޕީ.އޯ.އެސް މެޝިން ބޭނުންކޮށްގެންނެވެ. (ނަގުދު ފައިސާ ބަލައި ނުގަންނާނެއެވެ.)
  15. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ، މަދުވެގެން 50 (ފަންސާސް) މީހުން، އެމީހަކަށް ތާއީދުކުރާކަން، އަންގައިދިނުމުގެ ގޮތުން، އެމީހުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި،  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ސޮއި، ފޯނު ނަންބަރު ހިމެނޭ ލިޔުން އަދި މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ (އެ ލިޔުމުގައި ސޮއިކޮށްފައިވާ މީހުންނަކީ އެ އިންތިޚާބީ ދާއިރާއަކަށް ކުރިމަތިލާ އެހެން ކެންޑިޑޭޓަކަށް ސޮއިކޮށްފައިވާ ބަޔަކުކަމުގައި ވެގެން ނުވާނެއެވެ.)
  16. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރު.
  17. އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރު.
  18. އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ.
  19. އެމީހަކު ވޯޓުކަރުދާހުގައި ޙާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ ("2 x "2 ސައިޒުގައި).
  20. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ވެފައިވާ ކަން އަންގައިދޭ ކަމާބެހޭ ރަސްމީ ފަރާތުގެ ލިޔުން.
  21. 2023 ޑިސެންބަރު 14 ން ފެށިގެން ފަހުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ،  ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއްކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ރިކޯޑު. (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސާފުކުރަންޖެހޭ ރެކޯޑު ސާފުކުރެވޭނީ https://www.mira.gov.mv/extended/TaxClearance  މި ލިންކް މެދުވެރިކޮށެވެ.)
  22. 2023 ޑިސެންބަރު 14 ން ފެށިގެން ފަހުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ހުށަހަޅާ މީހާގެ، ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއްކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ރިކޯޑު. (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސާފުކުރަންޖެހޭ ރެކޯޑު ސާފުކުރެވޭނީ https://www.mira.gov.mv/extended/TaxClearance މި ލިންކް މެދުވެރިކޮށެވެ.)
  23. ސީޑީ/ޕެންޑްރައިވް (ވޯޓުކަރުދާހުގައި ޖެހުމަށް، ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒު ކުލަ ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ލޯގޯ، ވޯޓު ކަރުދާހުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ، އެ ނިޝާނެއް/ލޯގޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި)، އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއް ނަމަ، ތާއީދު އޮތްކަން ހާމަކުރާ 50 މީހުންގެ ފުރިހަމަނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު (އެކްސެލް ފޯމެޓްގައި، ތާނައިން).

"ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ." އިސީގެ އިއުލާނުގައި ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މަޖިލީހުގެ އިންތިހާޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އެ ކޮމިޝަނުން ލިބެން ހުންނާނެކަމަށެވެ. އަދި އެކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ