މާލެ: 31°C

މަޖިލީހުގެ ރިޔާސަތާއި ކޮމިޓީއެއްގެ ބޮޑު ކޯޅުމެއް!

މަޖިލީހުގެ ރިޔާސަތާއި ކޮމިޓީއެއްގެ ބޮޑު ކޯޅުމެއް!
March 27, 2023
2 ފަހަރު ބަލާފައި
މަޖިލީހުގެ ރިޔާސަތާއި ކޮމިޓީއެއްގެ ބޮޑު ކޯޅުމެއް!
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތަކުގައި މެމްބަރުންނަށް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވޭ ހާލަތްތައް މަދުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރާތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ރިޔާސަތާ ދެމެދު އަރައިރުމެއް އުފެދިއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މެމްބަރުންނަށް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވޭނީ މަޖިލިސް ޗުއްޓީގައި އޮންނަ ވަގުތު ބާއްވާ ބައްދަލުވުމެއްގައި ނުވަތަ މެމްބަރަކު ރަސްމީ ދަތުރެއްގައި މާލެއިން ބޭރުގައި ވަޑައިގެން އުޅުއްވާ ވަގުތެއްގައި ކަމަށް މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ސޮއިކުރައްވައި ފޮނުއްވި ސިޓީއަކުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ކުރިން އޮތީ އަންގައިފަ އެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މުގައްރިރުކަން ކުރައްވާ އެ ކޮމިޓީން އެހެން ނަމަވެސް އޭރު ނިންމީ އެ އެންުގުމަށް އަމަލު ނުކުރުމަށެވެ. އެ އެންގުމަށް އަމަލުނުކުރަން ފާސްކުރި ދުވަހު، އެކަމަށް ތާއީދު ކުރެއްވި މެމްބަރުންގެ ރަައުޔަކީ އޮންލައިންކޮށް ބައިވެރިވެވޭނީ އެ ދެ ހާލަތުގައި ކަމަށް ނިންމީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަމަށް ވާއިރު، ކޮމިޓީތައް ހިންގާ ގަވައިދަކީ އެ ކޮމިޓީއަކުން އަމިއްލައަށް ކަނޑައަޅާ އެއްޗެއް ކަމަށް ބެލުމެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމަށް ޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތައް ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އެ ރިޕޯޓް ފާސްކުރި ބައްދަލުވުމުގައި އޮންލައިން ކޮށް ބައިވެރިވެވަޑައިގެންނެވި މެމްބަރެއްގެ ވެސް ވޯޓާ އެކުގަ އެވެ. އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފުގެ ވޯޓާ އެކު ރިޕޯޓް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ރިޔާސަތުން ވަނީ އެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފަ އެވެ. ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވައިލި އިރު ހަވާލާދިނީ ރިޔާސަތުން އެ ކޮމިޓީއަށް ކުރިން ވެސް އަންގާފައިވާ އެންގުމަށެވެ. ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުއްވި އިރު ރިޕޯޓާ އެކު ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އޮންލައިންކޮށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭންވާނީ ރަސްމީ ދަތުރުފުޅުތަކުގައި ތިއްބަވާ މެމްބަރުންނަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އޮންލައިންކޮށް ބައިވެރިވާ މެމްބަރުންނަށް ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާނީ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަމުން ނުވަތަ މަޖިލިސް ޗުއްޓީގައި އޮންނަ ހާލަތުގައި ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ނަޝީދު ވިދާޅުވި އެވެ. އެގޮތަށް އެކަން އޮއްވާ ބްރޯޑްކޮމްއަށް ބޭފުޅުން އައްޔަންކުރުމުގެ މައްސަލައިގެ ރިޕޯޓް ފާސްކުރި ބައްދަލުވުމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފު ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށް ކަމަށް ވެފައި، އޭނާ ހުންނެވީ ރަސްމީ ދަތުރެއްގައި ކަމަށް  ނުވާތީ އެއީ ރިޕޯޓް ފާސްކުރަން ނެގި ވޯޓުގެ ސައްހަކަމާ މެދުގައި ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުގައްރިރުގެ ބަހުގެ ހަމަލާތައް ނަޝީދަށް

[caption id="attachment_84843" align="aligncenter" width="1600"] މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ[/caption] މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓެއް ރިޔާސަތުން އެގޮތަށް އަނބުރާ ފޮނުވައިލައްވާފައި ވާތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ނަޝީދަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ނަޝީދު އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުން ނިންމާ ނިންމުން ތަކަކީ މުޅި މަޖިލީހުން ތަންފީޒުކުރަން ޖެހޭ ކަންކަމަށް ހައްދަވައިގެންނެވެ. "މިހާރު ވެސް އިއްޒަތްތެރި ރައީސް މިނިވަން މުއައްސަސާ ކޮމިޓީން ފޮނުވާފައި އޮތް ރިޕޯޓެއް އިރުއިރުކޮޅާ އަނބުރާ ކޮމިޓީއަށް މި ފޮނުވަނީ އާއްމު ކޮމިޓީން ނިންމާފައި އޮތް ނިންމުމަކާ އެއްގޮތަށޭ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ [ކިޔާފައި]،" ރޮޒައިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާއްމު ކޮމިޓީގެ ނިންމުމަށް އެހެން ކޮމިޓީތަކުން އަމަލުކުރަން ޖެހޭނީ އެ ނިންމުން މަޖިލީހުގެ ތަޅުމަށް ގެނެސް ފާސްކުރުމުން ކަމަށެވެ.
"އެކަމަކު މި މަޖިލީހުގެ އެއްވެސް އުސޫލެއް ނޯވޭ. މި މަޖިލީހުގެ އުސޫލަކީ ވެސް މި މަޖިލީހުގެ ގަވައިދަކީ ވެސް އެ ދުވަހު މި މަޖިލީހުގެ ރައީސް ހެނދުނު ތެދުވެވަޑައިގަންނަވައިގެން އެއީ މަޖިލީހުގެ ގަވަައިދު ކަމަށް، އުސޫލުކަމަށް ނިންމަވާ ކަމެއް. ކުރީގައި ރައީސް ޔާމީނު ސަރުކާރު ހިންގި ގޮތެކޭ މި މަޖިލިސް ހިންގާ ގޮތެކޭ މިހާރު ހަަމަ އެއްވެސް ތަފާތެއް ނެތް،" ރޮޒައިނާ ވިދާޅުވި އެެވެ.
މަޖިލީހުގެ ރިޔާސަތުން ފަހަކަށް އައިސް ނިންމި ނިންމުންތައް އޭނާ ސިފަކުރެއްވީ "ހަޑިހޭވުން" ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ