މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ދަފުތަރުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ 12 މެންބަރަކު ޕީއެންސީއަށް ގުޅިވަޑައިގަތްކަން އަންގާފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ޕީއެންސީގެ ދަފުތަރުގައި އެ މެންބަރުން ހިމެނިފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން :
- ނިލަންދޫ ދާއިރާ މެންބަރު އަބްދުލްމުޙުސިން ހަމީދު
- ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
- މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް
- ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
- މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
- މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
- ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް
މި ބަދަލާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީކަން އަސްލަމް ވަނީ އިއުލާނު ކުރައްވާފަ އެވެ. އެއާ އެކު، މަޖިލީހުގެ މައިނޮރިޓީ ލީޑަރަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުކަން ވެސް ރިޔާސަތުން ވަނީ އިއުލާންކުރައްވާފައެވެ.
މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދު :
- އެމްޑީޕީ 44 މެންބަރުން
- ޕީއެންސީ 14 މެންބަރުން
- ދަ ޑިމޮކްރެޓްސް 13 މެންބަރުން
- ޕީޕީއެމް 2 މެންބަރުން
- އެމްޑީއޭ 2 މެންބަރުން
- ޖޭޕީ 2 މެންބަރުން
- ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 3 މެންބަރުން
އަސްލަމް ވިދާޅުވީ މި ބަދަލާއެކު މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި މަޖިލީހުގައި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް އަންނަ ބަދަލު ފާސްކުރަން ހުށަހަޅުއްވާނެ ކަމަށެވެ.







