މާލެ: 31°C

"މަޖިލީހުގައި ދައްކާ ދޮގުވާހަކަތަކުން ރައްޔިތުންނަށް ނަފުސާނީ ގެއްލުންވޭ"

February 7, 2023
2 ފަހަރު ބަލާފައި
"މަޖިލީހުގައި ދައްކާ ދޮގުވާހަކަތަކުން ރައްޔިތުންނަށް ނަފުސާނީ ގެއްލުންވޭ"
"މަޖިލީހުގައި ދައްކާ ދޮގުވާހަކަތަކުން ރައްޔިތުންނަށް ނަފުސާނީ ގެއްލުންވޭ"
ނަފުސާނީ ފަރުވާ ވަށައިޖެހޭ ގޮތަކަށް އިންތިޒާމްކުރަން ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރެއްގެ ބަހުސްގައި، އެ މައުޟޫއު ބޭނުންކޮށްގެން ސިޔާސީ އެކިއެކި ވާހަކަ އެކި މެމްބަރުން ދެއްކެވުމުން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް އެ މެމްބަރުންނަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު ހުށަހެޅުއްވި އެ ގަރާރުގެ ބަހުސް ނިމެނިކޮށް، ލިބިވަޑައިގެން ފުރުަސަތުގައި ހައިތަމް ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވަނީ ހަގީގަތާ ހިލާފަށް ކަމަށާއި ދެއްކެވީ މައުޟޫއާ ނުވެސް ގުޅޭ ވާހަކަތަކެއް ކަމަށެވެ. އެކަހަލަ ވާހަކަތައް ދައްކަވަން މެމްބަރުންނަށް ފުރުސަތު ދެންޏާ "މެންޓަލް މައްސަލަތައް" ކުރިމަތިވާނީ އެ ވާހަކަތައް އަޑު އަހާ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" މި މަޖިލިސް ތެރޭގައި ބައެއް މެމްބަރުން އެ ވާހަކަފުޅު ދައްކަވަނީ ހަމަ އެއްގޮތަކަށް ވެސް ހަގީގަތާ އެއްގޮތް ވާ ގޮތަކަށް ނޫން. މުޅިން ހަގީގަތާ ހިލާފަށް. އެހެންވީމާ އޭގެ ސަބަބުން ދިވެހި ރައްޔިތުން، މި މަޖިލިސް އަޑުއައްސަވާ، ބައްލަވާ އެކަންތައް ކުރައްްވާ ރައްޔިތުން، އެބޭފުޅުން ނަފުސާނީ ވާނީ. މިތަނުގައި ދައްކާ ދޮގު ވާހަކަތަކާ ތަންދޮރު ނުދަންނަ، އެހެންނޫނީ ދޯހަޅި ވާހަކަތަކުގެ ސަަބަބުން އެ ބޭފުޅުންނަށް އެ މެންޓަލް މައްސަލަތައް ޖެހެމުން ދާނީ،" ހައިތަމް ވިދާޅުވި އެވެ.
ހައިތަމް މިމޭރުމުން ވާހަކަ ދެއްކެވި އިރު ނަފުސާނީ ސިއްހަތުގެ މައުޟޫއު ބޭނުންކުރައްވައިގެން މަޖިލީހުގައި މިއަދު ސިޔާސީ އެހެން ވާހަކަތައް ދެއްކެވި މެމްބަރުންގެ ތެރޭގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުގެ އެކިއެކި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ނަފުސާނީ މައްސަލަތައް ދިމާވާ ކަމަށެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވީ އެފަދަ މައްސަލައް ރައްޔިތުންނަށް ދިމާވަނީ އިދިކޮޅު ފަރާތްތަކުން ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މީހުންގެ ނަފުސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ގުޅިފައި ވަނީ ފުދުންތެރިކަމާ ކަމަށާއި ފުދުންތެރިކަން ނެތުނީމާ މީހުން ވިސްނަން ޖެހޭ ވިސްނުން އިތުރުވާ ކަމަށެވެ. އާއިލާއަކަށް ކުރަން ޖެހޭ ކަންތައްތައް ކުރެވޭނެ މަގު އެ އާއިލާތަކުގެ މަސްއޫލުވެރިންނަށް ނުފެންނާތީ އެމީހުން ނަފުސާނީ ބަލިމަޑުކަމަށް ހުށަހެޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިދަންނަވާހެން، ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް އޮންނަ މަގުތައް ބަންދުވާތީ ވެ، ނަފުސާނީ ގޮތުން އެކަންކަން ބަލިމަޑުކަމަކަށް ވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ. މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މީހުންނަށް ނަފުސާނީ މައްސަލަަތައް ދިމާވަނީ ބޮޑެތި ބާރުތަކުގެ ޕަޕެޓުންގެ ގޮތުގައި އަންނަ ވެރިން އައިސް ގައުމުތަކާ ހަވާލުވީމާ ކަމަށެވެ. "އޭގެ އެއް މިސާލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު. އެމަނިކުފާނަކީ ގައުމަކަށް ނަފުސާނީ މައްސަލަ ދިމާވާން ހަމަ އެންމެ އައިޑިއަލް ސިމްބަލް އެއް ގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ،" ސައީދު ވިދާޅުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ