މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްވެ، ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 281 އުޅަނދެއް ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން 123 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ.
އެގޮތުން، މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ޖުމުލަ 281 އުޅަނދެއް ނައްތާލާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
https://twitter.com/MoTCAmv/status/1766706426377044191
މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މާލެ ސަރަހައްދުގައި ތޮއްޖެހުން ހައްލުކޮށް އެއްގަމު އުޅަނދުތައް މަދުކުރުމަށްޓަކައި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
މިއީ ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ، ވެމްކޯގެ އިތުރުން އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމް އެކެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކައި ނުދުއްވާ، ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ހުރުމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށް ދަތިވެ ޓްރެފިކް ބާރުބޮޑުވެއެވެ.