މާލެ: 31°C

މަގުމަތީ ކުނި ނުބަހައްޓަން އީޕީއޭއިން އަނެއްކާ ވެސް އަންގައިފި

މަގުމަތީ ކުނި ނުބަހައްޓަން އީޕީއޭއިން އަނެއްކާ ވެސް އަންގައިފި
April 10, 2023
2 ފަހަރު ބަލާފައި
މަގުމަތީ ކުނި ނުބަހައްޓަން އީޕީއޭއިން އަނެއްކާ ވެސް އަންގައިފި
މާލޭ ސަރަހައްދުގެ މަގުމަތީގައި ކުނި ބެހެއްޓުން އިތުރުވެފައިވާތީ،  މަގުމައްޗައް ކުނި ނުނެރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަނެއްކާ ވެސް އަންގައިފި އެވެ. މިއަދު އިޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ، މިހާރަކަށްއައިސް މާލޭ ސަރަހައްދުގެ މަގުތަކަށާއި، ގޭދޮރުމައްޗަށާއި، ކަންކަންމައްޗަށް ކުނިނެރެފައި ބެހެއްޓުމާއި ކުނި ޖަމާކުރަމުން ދިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އީޕީއޭއިން ފާހަގަ ކުރި ބައެއް ކަންތައް ތަކަކީ :

-  ކުނި ނެގުމުގެ ޚިދުމަތް ދޭ ފަރާތުން އައިސް ނަގައިގެން ގެންދާނެކަމަށް ބަލާ ގޭދޮރުން ބޭރުގައި ދުވާރުމަތީގައި ނުވަތަ ކަންކަންމަތީގައި ކުނި ބެހެއްޓުން.

-  ކުނި ކޮތަޅު ފުރޭއިރަށް ގޭތެރޭގައި އެ ކޮތަޅު ބެހެއްޓުމުގެ ބަދަލުގައި ވަކި ގަޑިއެއް ނުބަލާ ކުނި ކޮތަޅު ގެއިންނެރި މަގުމަތީގައި ބެހެއްޓުން.

-  ކުނި އުކާލުމުގެ ހިދުމަތް ދޭ ފަރާތްތަކުން އަންގައިގެން ކަމަށްބުނެ މަގުތަކަށާއި ކަންކަންމައްޗަށް ކުނިނެރުން.

-  ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތުގެ މުވައްޒަފުން ގެޔަށް ނުވައްދަންވެގެން ނުވަތަ އާންމުކޮށް އަންނަ ގަޑިއަށް ނައިސްގެން ކުނި ކޮތަޅު ގެއިންނެރި ބޭރުގައި ބެހެއްޓުން.

-  އެކިއެކި މަސައްކަތްކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓަމުން ގެންދިޔުން.

-  ބަލްކު ކުނި (ފަރުނީޗަރ/ގޮދަޑި/ދޮންނަމެޝިންފަދަ ތަކެތި) އުކާލުމުގެ އަގުބޮޑުކަމަށް ބުނެ މަގުތަކާއި ކަންކަންމައްޗަށް އަޅާފައި ބެހެއްޓުން.

-  ކުނި ނެގުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނިގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް ކަންކަންމައްޗަށާއި މަގުތަކުގެ އެކި ތަންތަނަށް ކުނި އަޅާފައި ބެހެއްޓުން.

މިފަދަ ކަންކަމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނޫގެ ކުނި މެނޭޖުކުރުމުގެ ގަވާއިދުން ހުއްދަކުރާ ކަންކަމަށް ނުވާތީވެ އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ ކުނިބުނީގެ ސަބަބުން މާލެ ސަރަހައްދުގެ މަގުތަކާއި ދުވާރުތަކާއި ހުސްތަންތަން ހަޑިވެ ތަގައްޔަރުވުން ހުއްޓުވުމަށްޓަކައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

މީގެ ކުރިން ވެސް އީޕީއޭ އިން ވަނީ މަގުމައްޗައް ކުނި ނޭޅުމަށް އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ