މާލެ: 31°C

މަޑުއްވަރީ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި

މަޑުއްވަރީ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި
May 30, 2023
2 ފަހަރު ބަލާފައި
މަޑުއްވަރީ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި
މ. މަޑުއްވަރީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތްދިނުމަށް އެރަށުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ. ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކަމަށްޓަކައި މަޑުއްވަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފްއާއި، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި މުލަކަތޮޅު ކައުންސިލްތަކުގެ މެންބަރުން ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ދާއިމީ ގޮތެއްގައި ފުލުހުން ގާއިމުކޮށްގެން ޚިދުމަތް ދިނުމަކީ ހަރަދުބޮޑު ކަމެއްކަމަށާއި ރާއްޖޭގެ ޖިއޯގްރަފީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތްދީ ތަރައްގީ ކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ހުރިކަމުގައި ވިދާޅުވިއެވެ. އަދި އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާ އާއި ވަސީލަތްތަކުގެ ސަބަބުން އަންނަ ދަތިތައް ނޫންކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަން ހުރިކަންވެސް ފާހަގަކުރެއްވިއެވެ. އަދި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށާއި މި ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޚިދުމަތްދޭއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އެކުވެރި މާހައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މ. އަތޮޅުގައިވެސް އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ފުލުހުންގެ ޚިދުމަތެއް ރަށެއްގައި އަލަށް ފެށުމަކީ އެރަށެއްގެ ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާ އަދި ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ރަށުގެ ރައްޔިތުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، މަޑުއްވަރީގައި ފުލުހުންގެ ޚިދުމަތް ފަށައިގަތުމަށް އެރަށު ކައުންސިލުން އަދާކޮށްދެއްވި ދައުރާއި ޖުމުލަ ގޮތެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމުކޮށް ޚިދުމަތްދިނުމުގައި ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މަސްތުވާތަކެތި ފަދަ ބޮޑެތި ކުއްތައް މަދުކުރުމަށް ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން މަސައްކަތްކޮށްދިނުމަށް މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ވަސީލަތްތައް މަދު ނަމަވެސް ރަށު ފެންވަރުގައި އައު އުކުޅުތަކާއި އައު ވިސްނުންތައް ބޭނުންކޮށްގެން ކައުންސިލުތަކާ އަދި އެ ނޫންވެސް ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފުލުހުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކޮށްދެއްވުމަށް އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ