މާލެ: 31°C
މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ފޮގް ކުރަނީ

މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ފޮގް ކުރަނީ

April 28, 2024
2 ފަހަރު ބަލާފައި
މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ފޮގް ކުރަނީ
މާލެ ސަރަހައްދުގައި މަދިރި އާލާވުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އުފެދޭ ތަންތަން ފޮގް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތުގެ ތެރެއިން މިހާރު ވިލިމާލެ ފޮގް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް މާލެވެސް ފޮގު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. ސިޓީ ކައުންސިލްގެ ޕެސްޓު ކޮންޓްރޯލް ޑިޕާޓްމެންޓުން ފޮގް ކުރަމުންދަނީ މާލެ އަދި ވިލިމާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތައް ފަދަ ގިނަގިނައިން ފެން ހަރުލާ މަދިރި އާލާވާފަދަ ސަރަހައްދުތަކެވެ. އަދި އެތަންތަނަށް ދަނީ މަދިރި ބޭސް ވެސް އަޅަމުންނެވެ. https://twitter.com/MaleCitymv/status/1784424575352393979 ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިދުވަސްވަރު އަންނަނީ ޗިކަންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންނެވެ. އެގޮތުން މިމަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރީން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ ޚަލީލު ވިދާޅުވީ، ވިއްސާރަ މޫސުން ކުރިއަށް އޮތުމާއެކު، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށެވެ. ޗިކަންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުންކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ ސަމާލުކަން ދިނުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބައެއް ހުޅުހުޅު ދުޅަވުމުގެ އިތުރުން ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. އެހެންކަމުން، އެޗްޕީއޭއިން ވެސް ވަނީ ޑެންގީއާއި، ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. ހުން އަންނަ ނަމަ ޕެރެެސެތްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރެއްވުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވާނަމަ ނުވަތަ އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށާއި ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗް.ޕީ.އޭ އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ