މާލެ: 31°C
މާފުށީގައި މިއަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމެއް ގާއިމްކުރަނީ

މާފުށީގައި މިއަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމެއް ގާއިމްކުރަނީ

February 15, 2024
3 ފަހަރު ބަލާފައި
މާފުށީގައި މިއަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމެއް ގާއިމްކުރަނީ
މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމެއް ގާއިމްކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި މާފުށްޓަށް ރައީސް ވެވަޑައިގެންނެވި ބައެއް ވައުދާ ބެހޭގޮތުންނާއި ޑޮލަރު ލިބުމުގެ ދަތިކަން ހައްލުކުރުމާ މެދު އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާ ވެސް އަވަހަކަށް އެ އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން." އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ސީދާ މިއަހަރު ތެރޭގައި ނުފެށުނު ނަމަވެސް ވީހާ ވެސް އަވަހަށް މަޝްރޫއުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދައުރުގެ ފަހު އަހަރަށް މަޝްރޫއުތައް ބަހައްޓަން ނޫން ކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި އެފަދަ މަޝްރޫއުތައް ވީހާ ވެސް އަވަހަށް ކުރިއަށް ގެންދަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ ރަށްތަކުގައި ޑޮލަރު ވިޔަފާރި އެހާބޮޑަށް ނުހިނގާތީ ރަށް ރަށުން ގިނަ ފަހަރު އެދެމުން ދަނީ ރުފިޔާ ނެގޭ އޭޓީއެމް ބެހެއްޓުމަށް ކަމަށެވެ. އެގޮތުން، ޑޮލަރުގެ ވިޔަފާރި އެއް ފަސްގަނޑެއްފައި އެންމެ ބޮޑަށް ހިނގާ ރަށަކީ މާފުށި ކަމަށާއި ޑޮލަރުން ވިޔަފާރި ހިންގާ ގެސްޓަހައުން ހިންގާ ފަރާތްތަކަށް އެންމެ ބޮޑަށް ބޭނުންވާނީ ޑޮލަރު އޭޓީއެމްއެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކ. ގުރައިދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ، އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާނެ އެއް ރަށަކީ މާފުށި ކަމަށް ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ