މާލެ: 31°C

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިފި

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިފި
September 23, 2024
2 ފަހަރު ބަލާފައި
މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިފި
މާފަންނު ސަހަރާގެ ގަބުރުތައް ނަގައިގެން، އެތަން ހުސްކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ވިދާޅުވީ، އެ ތަން ހުސްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފެށީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ. މާފަންނު ސަހަރާ ހުސްކުރަން އެ ސަހަރާގެ އެއްބައި މިހާރު އޮތީ ޓިނާއި ދާ ޖަހައި ބަންދުކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލޭންޑް ސްކޭޕިން ސޮލިއުޝަން ކިޔާ އަމިއްލަ ކުންފުންނަކާއި ކަމަށެވެ. އަދި އަމަލީ މަސައްކަތް މިދިޔަ ހަފްތާގައި ފަށާފައިވާކަމަށާއި، މަސައްކަތް ހަވާލުކުރީ 2 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ބުނީ، އެތަނުން ނަގާ ގަބުރުތަކުގެ ކަށިތައް ނައްތާލުމުގެ މަސައްކަތް ކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށާއ، ނަމަވެސް، މިހާތަނަށް އެ މިނިސްޓްރީގެ ބަހެއް ލިބިފައިނުވާތީ އެކަން ކުރަނީ ކޮން ގޮތަކަށް ކަމެއް އަދި ސާފުވެފައެއް ނުވާކަމަށެވެ. އެތަން ހުސްކުރަނީ ޕާކިންއަށް ހާއްސަކުރުމަށް ކަމަށް މީގެކުރިން ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި، ޕާކިން ހެދުމަށް ހުސްކުރަނީ މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެކެވެ. އެއީ މުޅި ސަހަރާގެ ބިމެވެ. މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން އޭރިޔާ ހެދުމަށް މައްޗަންގޮޅި ސަހަރާގެ ކަންމަތިން  އެއްބަޔާއި، ގަލޮޅު، މާފަންނު އަދި ހެންވޭރު ސަހަރާގެ ބައެއް ނަގާ އެ މަސައްކަތް ކުރާނެކަމަށް މާލޭ ސިޓީ މޭޔަރު އާޒިމް ވަނީ ކުރިން ވިދާޅުވެފައެވެ. އެ ސަހަރާ ހުސްކުރާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން ކުރިން އިއުލާންކުރުމުން ތާރީހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ