މާލެ: 31°C

މާފަންނު ސަހަރާ ނައްތައިލުން ހުއްޓުވައިދޭން އެދި މަޖިލީހަށް ސިޓީއެއް!

February 28, 2023
2 ފަހަރު ބަލާފައި
މާފަންނު ސަހަރާ ނައްތައިލުން ހުއްޓުވައިދޭން އެދި މަޖިލީހަށް ސިޓީއެއް!
މާފަންނު ސަހަރާ ނައްތައިލުން ހުއްޓުވައިދޭން އެދި މަޖިލީހަށް ސިޓީއެއް!
މާފަންނު ސަހަރާއިން ގަބުރު ނަގައި އެތަން ހުސްކޮށްގެން ޕާކިން ޒޯނެއް ހަދަން ރާވާފައިވާ މަޝްރޫއު ހުއްޓުވައިދޭން އެދި މާލޭ ސިޓީ ކައުންސިލްގައި ތިއްބަވާ އެމްޑީޕީގެ ދެ މެމްބަރުންގެ ތެރެއިން މުހައްމަދު ސައިފް ފާތިހު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ. ސައިފް މަޖިލީހަށް ފޮނުއްވި ސިޓީގައި ހުރި ކަންބޮޑުވުންތައް ބަލަން  މަޖިލީހުން ވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާ ހަވާލުކޮޮށްފަ އެވެ. އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސިޓީ އިއްވައި، މެމްބަރުންގެ މަޝްވަރާއަށް ހުޅުވައިލި އެވެ. ސިޓީގައި ސައިފް ވިދާޅުވީ މާލޭގައި ހުރި އަވަށްތަކުގެ ގަބުރުސްތާނު ތަކަކީ ހުކުރުމިސްކިތުގެ ގަބުރުސްތާނު ފިޔަވައި މާލޭގައި ހުރި އެންމެ ގަދީމީ ގަބުރުސްތާނުތައް ކަމަށާއި ދުނިޔޭގެ ކޮންމެ ޝަހަރެއްގައި ވެސް އެ ތަނުގައި އިހު ދިރިއުުޅު މީހުންގެ އަސަރުތަކުގެ އަލާމާތާއި އިޝާރާތަށް ފުދޭ އެފަަދަ ގަބުރުސްތާނުތައް ހުންނަ ކަމަށެވެ. މާލޭގެ ގަބުރުސްތާނު ތަކަކީ ވެސް އެގޮތަށް މާލޭގެ އަހުލުވެރިންގެ ޒާތީ ހަނދާންތަކާއި އަލާމާތްތައް ފެންނަން ހުރި ތަންތަން ކަމަށް ވެސް ސިޓީގައި އޭނާ ވިދާޅުވި އެވެ. "...ކަން މިހެން ހުރި އިރު މާލޭގެ ތާރީހާއި އިޖުތިމާއީ ފޭރާމާއި އާބާދީގެ އަސްލާއި އުފެދުމަށް ހެކިދޭ، އެންމެ ވަރުގަދަ ނިޝާންތައް ކަމުގައި އަދު ފެންނާން ހުރި ސަހަރާތައް އުވާލައި އަދުގެ ވަގުތީ ބޭނުމަކަށް އެތަންތަނުގައި ހުރި މާލޭގެ ޖީލުތަކުގެ ގަބުރުތައް ކޮނެ ނަގައި ، އެ އަގުހުރި މައުނަވީ ތަރިކަ ނައްތައިލުމަކީ ގޮތްކުޑަ އަމަލެކެވެ،" ސިޓީގައި ސައިފް ވިދާޅުވި އެވެ. މާލޭގައި ހުރި ސަހަރާތަކަކީ (ވާރޭ ވެހުމުން) ފެން ހިނދޭ މަދު ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށާއި މާލޭގައި އުޅޭ ދޫނިސޫފާ މަޑުކޮށްލާ ގަސްތައް ވެސް ހުރީ އެތަންތަނުގައި ކަމަށް ވާތީ އެއީ ސަހަރާތައް ނެގުމަކީ މާލޭގެ ގުދުރަތީ ވެއްޓަށް ވެސް ދެވޭ ގެއްލުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. ސަހަރާތައް ނަގައިގެން މިހާރު ހަދާ ޕާކިން ޒޯނުތައް ފަހުން ބޭކާރު ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ލާމަޒުކަޒީ ތަސައްވުރާ އެެއްގޮތަށް ތަރައްގީވެ ނިމޭ އިރު ވާނެ ކަމެކެވެ. "ވީމާ މާލޭގެ އަވަށު ގަބުރުސްތާނުތައް ނައްތައިލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން، ރަށުގެ ގުދުރަތީ، ތާރީހީ އަދި މައުނަވީ ތަރިކައަށް ލިއްބައިދޭނެ އަމަލެއް ކަމުގައި ވާތީ އެކަން ހުއްޓުވައިދެއްވުމަށް ތިޔަ މަޖިލީހަށް އެޅޭން ހުރި ފިޔަވަތަކުގެ މައްޗަށް ވިސްނުން ހިންގަވައި، އެ މަގަށް އަމަލުކުރެއްވުމަށް އެދި އާދޭހާ އެކު ދެންނެވީމެވެ،" އޭނާ ވިދާޅުވި އެވެ. ސިޓީގައި ސައިފް ވިދާޅުވި ގޮތުގައި ސަހަރާތައް ނައްތައިލުން ހުއްޓުވުމަށް މާލޭ ސިޓީކައުންސިލްގެ އިޖުރާއަތްތަކުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. އެ ސިޓީއާ ބެހޭ ގޮތުން ކޮމިޓީގެ މެމްބަރުން ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމީ ސަހަރާ ނަގައިގެން ޕާކިން އޭރިއާއެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ އުސޫލުތަކާ އެއްގޮތަށް، ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށް ވާތީއާއި އެއީ މާލޭގެ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތަކަށް ވާތީ، އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ބުނެ، ސައިފަށް ޖަވާބު ދިނުމަށެވެ. މާފަންނު ސަހަރާއިން ބައެއް ނަގައިގެން މީގެ ކުރިން ވެސް ވަނީ ޕާކިން އޭރިއާއެއް ހަދައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ