މ. މުލީގައި ތަރައްޤީކުރަމުންދާ އެއަރޕޯޓްގެ ޓެސްޓް ފްލައިޓް ޖޫން މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ނިންމައިފި އެވެ.
އާރްއޭސީއެލްގެ އެމްޑީ އަޙްމަދު މުބީން ވިދާޅުވި ގޮތުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ބޮޑެތި މަސައްކަތްތައް ވެސް ވަނީ ނިންމާފަ އެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުން ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
އެމްޓީސީސީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިވަގުތު ކުރިއަށްދަނީ ޓަރމިނަލް އަދި އެހެނިހެން އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެއަރޕޯޓްގެ ރަންވޭގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ.
މުލި އެއާޕޯޓުގެ ބޮޑެތި މަސައްކަތްތައް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާ ޓެސްޓް ފްލައިޓް އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އާރްއޭސީއެލްއިން ބުނެ އެވެ.
މި އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރެވޭ އެއަރޕޯޓެކެވެ. މީގެ ރަންވޭގެ ދިގުމިނަކީ 1200 މީޓަރު އަދި ފުޅާމިނަކީ 30 މީޓަރެވެ. މި މަޝްރޫޢަށް ސަރުކާރުން ޚަރަދުކުރަނީ 221 މިލިއަން ރުފިޔާއެވެ. މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުއެވެ.







