މާލެ: 31°C

ލޮލަށް ނުފެނުނަސް ފާތުން ދުވަނީ އެންމެ ކުރީގައި، މިހާރު ބޭނުންވަނީ އެކުގައި ދުވާނެ މީހެއް

April 20, 2023
19 ފަހަރު ބަލާފައި
ލޮލަށް ނުފެނުނަސް ފާތުން ދުވަނީ އެންމެ ކުރީގައި، މިހާރު ބޭނުންވަނީ އެކުގައި ދުވާނެ މީހެއް
ލޮލަށް ނުފެނުނަސް ފާތުން ދުވަނީ އެންމެ ކުރީގައި، މިހާރު ބޭނުންވަނީ އެކުގައި ދުވާނެ މީހެއް
ޕެރަލިމްޕިކްސްގައި ރާއްޖެ ފަހުރުވެރިކޮއްލި ޒުވާނާ އަކީ އަނދިރި ދުނިޔެއެއްގައި އުޅުނަސް، އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރިއެވެ. ގިނަބަޔަކު ދަންނަ އެތްލީޓެއްގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތް ކުރާ ހީވާގި ވޮލަންޓިއަރެކެވެ. ޅ. ހިންނަވަރަށް އުފަން ފާތުމަތު އިބްރާހީމް ދުނިޔެއަށް އުފަންވީއިރު ވެސް އެހެންކުދިންނާއި ތަފާތެވެ.  “ރެޓިނައިޓިސް ޕިގްމެންޓޯސާ" ކިޔާ ލޮލުގެ ބައްޔެއްގެ ސަބަބުން ފުތަރަމަ ލޮލަށް ފެނުނީ ފަނޑުފަނޑުކޮށް ކުލަނެތް ދުނިޔެއެކެވެ. ލޮލުގެ ހާލަތު އިތުރަށް ގޯސްވީ ގްރޭޑް ތިނެއްގައި އުޅުނުއިރު ކުއްޖަކު ލޮލަށް ހަރާލި ފަންސޫރެއްގެ ސަބަބުން ލިބުނު ގެއްލުމާއިއެކުއެވެ. ރެހެންދި އެވޯޑާއި ގައުމީ އެހެން އިނާމުތައް ވެސް ހޯދާފައިވާ ފާތުން އަކީ، އާދައިގެ ޒުވާނެއް ނޫނެވެ. ކުޅެދޭ އަދި ނުކުޅެދޭ އެންމެންނަށް ހުރި ލާމަސީލު ނަމޫނާއެކެވެ. [caption id="attachment_86738" align="aligncenter" width="935"] ފޮޓޯ: ފާތުން. ސޯޝަލްމީޑިއާ[/caption] ބޭހެއް ނެތް ބަލީގެ ސަބަބުން ފެނުމުން މަހުރޫމްވެ ދުވަހެއް ދުވަހަކަށް ލޮލުގެ ހާލަތު ގޯސްވި ނަމަވެސް ފާތުންގެ ހިތްވަރެއް ނުގުޑައެވެ. އާންމު މީހަކަށް ވުރެ ފާތުންގެ ކާމިޔާބީތައް މާގިނައެވެ. ހުރިހާ ހިއްސެއް ސަލާމަތުން ތިބޭ މީހުން ބުލީގެ ޝިކާރައަކަށް ވާއިރު ފާތުންމެން ކަހަލަ ކުދިންނަށް އަދި ކުރިމަތިލާން ޖެހޭ ކަންކަން ހިތަށް ވެސް ނުގެނެވެއެވެ. ސްކޫލުގަ އުޅުނު އިރުން ފެށިގެން މަގުމައްޗައް ދުވަން ނިކުތް އިރު ވެސް ހިތް ފަޅައިގެން ދާ ފަދަ ބަސްތައް މީހުން ބުނަމުން ދެއެވެ. " ވަރަށް ހަނދާން ހުރޭ ގްރޭޑް 7 ން ފެށިގެން ދެން ނުކިޔެވޭނެ ކަމަށް ޓީޗަރަކު ބުނި ބުނުން، އެދުވަހު ވަރަށް ދެރަވި " ފާތުން ބުއްޏެވެ. އެ ޓީޗަރުގެ ބަސް ދޮގުކޮށް ފާތުން ކިޔެވުން ކުރިއަށް ގެންދިޔައީ ފިސާރި ހިތްވަރާއި ސާބިތުކަން މަތީގައެވެ. ސްކޫލު ނިމުމުން ވެސް އެކި ކަހަލަ ކޯސްތައް ވެސް އެނާ ހެދިއެވެ. އެއިރު ވެސް އެކިކަހަ ދަތިތަކާ ގޮންޖެހުންތައް ކުރިމަތިވިއެވެ. ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވިނަމަ ވެސް ފާތުންގެ ކާމިޔާބީތަކަކަށް ނިމުމެއް ނެތެވެ. އެމްޓީޑީސީއިން ފުރަތަމަދިމާވާނެ މޫނުގެގޮތުން މަސައްކަތްކުރަމުން އިންޓަނޭޝަނަލް ރޭސްތަކުގައި ދިވެހި ދިދަ ވިހުރުވާލާ ގައުމަށް މެޑަލް ހޯދާދިނުމުގެ ފަހުރުވެރި މަގާމު ހޯދާދިނީ އޭނާއެވެ. ބްލައިންޑް އެސޯސިއޭޝަންގެ ބޯޑުހިންގަމުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގަ ހީވާގިކާމާއެކު ދިވެހި ރެޑް ކްރެސެންޓްގެ ގަވަރނިން ބޯޑުގައި މަސައްކަތް ކުރަމުން އެންމެ މަތީގައި އުދުހެމުން ފާތުން ވަނީ އޯޕަން ވޯޓާ ޑައިވަރެއްގެ މަގާމު ހޯދާ ރާއްޖޭގެ މޫދުގެ އެންމެ އަޑިއަށް ވެސް ދަތުރުކޮށްފައެވެ. ރާއްޖޭގެ ފުރަތަމަ ބްލައިންޑް ޑައިވާއެއްގެ މަގާމުވެސް ހޯދާފައެވެ. [caption id="attachment_86739" align="aligncenter" width="755"] ފާތުން ޑައިވްކުރަނީ -- ފޮޓޯ: ފާތުން .ސޯޝަލް މީޑިއާ[/caption] ފާތުންގެ ކާމީޔާބީ ތަކަކީ ގަދައަޅާ މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ކާމިޔާބުވާނެ ކަމުގެ އަލިގަދަ ހެއްކެކެވެ. ދުވުމުގެ މައިދާނުގަ ފާތުން ހޯދާފައިވާ ފާހަގަ ކޮށްލެވޭ ކާމިޔާބީތައް: 13 ވަނަ ފަޒާ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް 2022 ، 100 މީޓަރު ފަޒާ (ޔޫއޭއީ) 12 ވަނަ ވޯލްޑް ޕެރަ އެތުލެޓިކްސް 100 މީޓަރު ފަޒާ (ޔޫއޭއީ) 12 ވަނަ ވޯލްޑް ޕެރަ އެތުލެޓިކްސް 200 މީޓަރު ޓޯކިޔޯ ޕެރަލިމްޕިކްސް 100 މީޓަރު ރޭސް ލޯންގް ޑިސްޓެންސްގެ 21 ގެ ރޭސް ފުރިހަމަ ކުރުން ހާފް މެރަތޮންގައި ރާއްޖޭގެ ފުރަތަމަ ބްލައިންޑް ރަނާ މީގެ އިތުރުން އެެތަށް އެތަށް ދުވުމެއްގައި ބައިވެރިވެ ފަހުރުވެރިކަމާ އެކު ފާތުން ވަނީ ރޭސް ނިންމާފައެވެ. [caption id="attachment_86741" align="aligncenter" width="614"] ޕެރަލިމްޕިކްސްގައި ފާތުން ދުވަނީ --- ފޮޓޯ ގެޓީއިމޭޖްސް[/caption] ދިމާވަ އެންމެ ބޮޑު ގޮންޖެހުން " ކުރިން ބުނިހެން މީހުން ހޭލުންތެރި ނުވުން އެއީ ވަރަށް އުނދަގޫ ކަމެއް، މިސާލަކަށް މަގުމަތިން ދުވަމުންދާއިރު އެބަ އަހާ، އަނދިރީހޭ، ނޫނީ ވަރަށް އުނދަގޫވާ ކަހަލަ ކަންތައް ވެސް ކުރޭ ، އަޅު ގަނޑުގެ ޓިޝާޓުގަ ބޮޑު އަކުރުން " ބްލައިންޑް ރަނަރ" ޖަހާފަ އިންނާނެ އެހެންވެ " ފާތުން ބުންޏެވެ. އެހެން މީހުންގެ ފަރާތުންލިބޭ ބަހުގެ ހަމަލާ ތަކަކީ ގޮންޖެހުމަަކަށް ނުހަދާ ފާތުން ކުރިއަށްދިޔަ ނަމަ ވެސް ހަގީގަތުގައި މިއަދު ފާތުން އަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތީ ވެފައެވެ. ފާތުން އަކީ " ބްލައިންޑް ރަނަރ" އަކަށް ވާތީ، މުބާރާތް ތަކުގައި އެކުގައި ދުވާނެ " ގައިޑް ރަނަރ" އެއް ހުންނަންޖެހެއެވެ. ނަމަވެސް އެ ގައިޑަކީ ވެސް ފާތުން އާ އެއްވަރަށް ފައިތިލަ ސާބިތުކޮށްލެވޭ ވަރުގެ އެތްލީޓަކަށް ވާން ޖެހެއެވެ. އަދި ޓްރެއިނިން ތަކަށް ވަގުތު ހުސްކޮށް، ޝައުގުވެރިކަމާ އެކަން ކުރެވޭނެ މީހަކަށް ވެސް ވާން ޖެހެއެވެ. ފާތުން އަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ އެފަދަ ގައިޑެއް މިވަގުތު ނެތުމެވެ. 'ގައިޑް ރަނަރ' އަކަށް ކުރިމަތި ލުމުގެ ފުރުސަތު ފާތުން އާ އެކު ދުވާނެ ގައިޑް ރަނަރ އެއް ހޯދަން އޭނާ މިވަނީ ސޯޝަލް މީޑިއާ ގައި ޕޯސްޓެއް ވެސް ކޮއްފައެވެ. ފާތުންގެ ގައިޑަކަށް ޝައުގުވެރިވާ ކޮންމެ މީހަކަށް ވެސް އެފުރުސަތު އެބަ އޮތެވެ. "ފާތުން ބޭނުން ވަނީ އަންހެން ގައިޑް ރަނަރ އެއް އަސްލު " ފާތުންގެ ޝަރުތަކި އެއީއެެވެ. މިކަމަށް ވަގުތު ހުސްކޮށްގެން އަންނަ ޝައުގުވެރިވާ ކުދިންނަށް ޓްރެއިން ދޭނެއެވެ. ފާތުން ހޮވާނީ، ދުވުމުގެ އިތުރުން ދުވަން ފަސޭހަ ވާހެން އޭނާ އާ އިސްކޮޅުން ވެސް އެންމެ ގާތް ކުރާ އަދި އެކުގައި އުޅެން ފަސޭގަ ގައިޑެކެވެ. " ކުރިން ހުރި ކުއްޖާ ވެސް ހަމަ ވަރަށް ވަގުތު ދިން، އޭނަގެ އެގްޒާން ތެރޭގައި ވެސް ޕްރެކްޓިސްއަށް ބަރާބަރަށް އަންނާނެ " ފާތުން އަށް ބޭނުން ވަނީ އެފަދަ ޝައުގަކާ އެކީ އެކަން ކޮށްދޭނެ ފަރާތެކެވެ. [gallery columns="1" size="full" ids="86744"] ފާތުންގެ ގައިޑް ރަނަރ އަކަށް ވާން ބޭނުންނަމަ ފާތުންގެ ފޭސްބުކް އަށް ޑީއެމް ކޮށްލެވިދާނެ އެވެ. ނުވަތަ މި ފޯމު ފުރާލެވިދާނެއެވެ. ފާތުންގެ ހާއްސަ ޝުކުރު ފާތުން މިއަދު ހުރި ހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސިއްރެއް ކަމަށް އޭނާ ދެކެނީ އޭނާގެ މައިންބަފައިންގެ ތަރުބިއްޔަތެވެ. " ލޮލަށް ނުފެންނަ ނޫނީ އެހެެންވެސް ނުކުޅެދުންތެރިކަމެއް ހުންނަ ކުދިން ގިނައިން ގެންގުޅޭނީ، އެކުދިނަނަށް އެއްވެސް ކަމެއް ނުވާނެ ކަމަށް ހީކޮށް، އެކުދިން އަމިއްލައަށް އުޅެން ދަސްވާ ގޮތަކަށް ނޫން، ފާތުންގެ މަންމަމެން ފާތުން ގެންގުޅުނީ އަމިއްލައަށް އުޅެން ދަސްކޮށްދީގެން " ފާތުން ބުންޏެވެ. މައިން ބަފައިންނާއި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ކޮންމެ ކަމެއްގައި ވެސް ލިބޭއިރު ފާތުންގެ ޝުކުރު ފުރަތަމަ ވެސް ދަނީ އާއިލާއަށެވެ. " ޓްރެއިނިންތަކަށާއި، މުބާރާތްތަކަށްދާން ވަގުތުދީ އަޅުގަނޑު މަަސައްކަތް ކުރާ އޮފީހުން ދެއްވާ އެއްބާލެއްވުން ފާހަގަކޮށްލަން" އެމްޓީޑީސީގެ މެނޭޖްމަންޓަށާއި އެކުގައި މަަސައްކަތް ކުރާ އެންމެނަށް ވެސް ފާތުން ޝުކުރުވެރިވެއެވެ. ގައިޑް ރަނަރ އިންގެ ގޮތުގައާއި ޓްރެއިނަރުންގެ ގޮތުގައި ފާތުންއާ އެކު މަަސައްކަތް ކުރި އެންމެނަށް ވަކި ވަކިން ފާތުން ޝުކުރު އަދާކުރެއެވެ. ފާތުން މިހާރު އިންތިޒާރުކުރަނީ ދެންވެސް އެންމެ އަހަވަކަށް އޮންނަ މުބާރާތެއްގައި ވާދަކުރުމެވެ. ބޭނުންވަނީ އެކުގައި ދުވާނެ ގައިޑެކެވެ. ފާތުންގެ އުންމީދަކީ، އިންޓަނޭޝަނަލް މުބާރާތެއްގައި ޖާއްޖެއަށް ރަންމެޑެލް ހޯދާދިނުމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ