މާލެ: 31°C

ލޯނުތައް ނުދައްކާތީ ބޭންކްތަކަށް ބޮޑު ދައްޗެއް، މަޖިލީހުން ހައްލު ހޯދަނީ!

November 28, 2022
2 ފަހަރު ބަލާފައި
ލޯނުތައް ނުދައްކާތީ ބޭންކްތަކަށް ބޮޑު ދައްޗެއް، މަޖިލީހުން ހައްލު ހޯދަނީ!
ލޯނުތައް ނުދައްކާތީ ބޭންކްތަކަށް ބޮޑު ދައްޗެއް، މަޖިލީހުން ހައްލު ހޯދަނީ!
ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ލޯނުތަކާއި އެހެނިހެން ކްރެޑިޓް ފެސިލިޓީތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހުން ގިނަކަމަށާއި އެ ގޮތަށް މައްސަލަަ ޖެހޭ ފެސިލިޓީތަކުގެ ފައިސާ އަނބުރާ ހޯދަން ދަތިކަަމަށް، ބޭންކް ތަކާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓެއްގައި ބުނެފި އެވެ. މައްސަލަ ޖެހިފައިވާ އެކައުންޓްތަކާ ގުޅޭ ގޮތުން ބޭންކްތަކަށް ހުރި ދަތިތައް ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެެންޓަޕްރައިޒް ކޮމިޓީން ދިރާސާކުރުމަށް ފަހު އެކުލަވައިލި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބޭންކްތަކުގެ ކްރެޑިޓް ފެސިިލިޓީތައް ނެގުމާއި އެގޮތަށް ނަގާ ފެސިލިޓީތަކަށް އަނބުރާ ފައިސާ ދެއްކުމުގައި ރާއްޖޭގައި އޮތީ ވަރަށް ގޯސް އާދަތަކެކެވެ. ކޮމިޓީން އެ ރިޕޯޓް އެކުލަވައިލީ، އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ގާތްގަނޑަކަށް ހުރިހާ ބޭންކަކުން މައުލޫމާތު ހޯދައިގެންނެވެ. ބޭންކްތަކާ ހަވާލާދީ އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކްރެޑިޓް ފެސިލިޓީތަކަށް ގަވައިދުން ފައިސާ ނުދައްކާ ހާލަތްތަކުގައި ގިނަ ބޭންކްތަކުން ކަސްޓަމަރުންނަށް ވަރަށް ލުއި ގޮތްތައް ހަމަޖައްސައިދެ އެވެ. އެގޮތަށް ހަމަޖައްސައިދޭ އިންތިޒާމްތަކުގެ ބޭނުންކޮށްގެން ކްރެޑިޓް ފެސިލިޓީތައް ހަމައަކަށް އަޅުވަން ބައެއް ފަރާތްތަކުން މަސައްކަތް ނުކުރާކަމަށް ވެސް ބޭންކްތަކާ ހަވާލާދީ އެ ރިޕޯޓްގައި ބުންޏެވެ.

ކޮމިޓީން ފާހަގަކުރި ބައެއް ކަންތައްތައް

  • ކްރެޑިޓް ފެސިލިޓީއަކަށް ފައިސާ ދެއްކުން ހުއްޓިގެން، އެ ފެސިލިޓީއެއް ނެގި ފަރާތަށް ގުޅަން މަސައްކަތް ކުރާ އިރު ނުގުޅޭތީއާއި ބޭންކަށް ދީފައިވާ އެޑްރެހުގައި ވެސް ނޫޅޭތީ ފައިސާ އަނބުރާ ހޯދަން ދަތިވާކަން.
  • ފަހަށް ރައްކާކުރުމުގެ އާދަ ދިވެހިގެން ތެރޭގައި ނޯންނާތީ ވަޒީފާ ގެއްލޭ ހާލަތުގައި ނުވަތަ މާލީ ގޮތުން ދިމާވާ މައްސަލައަކާ ހުރެ ލޯނު ދެއްކުން ހުއްޓޭކަމާއި ލޯނުދައްކަން ބޮޑެތި ދަތިތަކާ ކުރިމަތިވާކަން
  • ލޯނުތައް ނަގަން ބޭންކްތަކަށް ދައްކާ ރަހުނުތަކާ ގުޅޭ މުއާމަލާތްތައް ބޭންކަށް ނޭނގި އެހެން ފަރާތްތަކާއި އެކު ކުރާ ކަމާއި އެގޮތަށް އަމަލުކުރުމުގެ ސަބަބުން ރަހުނުކުރި މުދަލުަގައި ތިން ވަނަ ފަރާތެއްގެ ހައްގު އެކުލެވޭ ގޮތް މެދުވެރިވާކަން. އަދި ސަރުކާރުގެ މިނިސްޓްރީތަކުން ވެސް އެގޮތަށް އަމަލުކުރާކަން.
  • އެކި އެކި ތަންތަނަށް ރަހުނުގެ ގޮތުގައި އެއް މުދަލެއް ހުށަހަޅާކަމާއި އެގޮތަށް ކަންތައް ކުރުމުން ކްރެޑިޓް ފެސިލިޓީތައް ރިކަވާ ކުރަން ދަތިވާކަން.
  • ފަރުދުންނާއި ވިޔަފާރިތަކުން ވެސް ކްރެޑިޓް ރިސްކަށް ސަމާލުކަން ނުދޭތީ ، ހާލަތު ބަދަލުވާއިރު ހުރިހާ ފެސިލިޓީތަކެއް އެެއްފަހަރާ ޑިފޯލްޓްވާކަން
  • ލޯނާއި އެހެނިހެން ކްރެޑިޓް ފެސިލިޓީތަކަށް އަނބުރާ ފައިސާ ހޯދަން ޝަރުއީ މަރުހަލާއަށް ދިއުމުން ގިނަ ވަގުތުތަކެއް އެކަމަށް ހޭދަވެ، ގާނޫނީ ކަންކަމަށް ބޭންކްތަކުން ކުރަން ޖެހޭ ހޭދަ ބޮޑުވާކަން.
  • ބަނގުރޫޓް އަދި އިފްލާސްވާ ހާލަތްތަކުގައި އަމަލުކުރާނެ ގާނޫނުތައް ނެތުމުން، އެފަދަ ހާލަތްތަކުގައި ފެސިލިޓީތައް ރިކަވާ ނުކުރެވޭކަން.
ކްރެޑިޓް ފެސިލިޓީތަކަށް އަނބުރާ ފައިސާ ހޯދުމުގައި ބޭންކްތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން ރިޕޯޓްގައި ގިނަ ހައްލުތަކެއް ހުށަހަޅާފައި ވެ އެެވެ. އެއް ހުށަހެޅުމަކީ ރަހުނާ ގުޅޭ ގާނޫނު އިސްލާހުކުރުމާއި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން، ތަފްސީލީ ގާނޫނެއް އެކުލަވައިލަން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދުމެވެ. ދެވަނަ ހުށަހެޅުމަކީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިފްލާސްކުރުމުގެ ގާނޫނުގެ ބިލު އަވަހަށް ފާސްކުރުމެވެ. އެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އޮތީ އެޖެންޑާކޮށްފަ އެވެ. ރަހުނުގެ ގޮތުގައި އެއް މުދަލެއް އެކި ފަރާތްތަކަށް ނުދެއްކޭނެ ހެން ގާނޫނީ ގޮތުން އިންތިޒާމް ހަމަޖައްސަވަން ވެސް އެސްއޯއީ ކޮމިޓީން ހުށަހަޅާފައި ވެ އެވެ. ކޮމިޓީގެ އެރިޕޯޓަށް އަމަލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރިޕޯޓަށް ބަހުސްކޮށް ފާސްކުރުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ