
ލޭނު އެޅުން ހުއްދަކުރުމުން އޮޑިވެރިން ބަނގުރޫޓް ވާނެ: ނޯއާ ދޯނީގެ ވެރިޔާ
ލޭނު އެޅުން ހުއްދަކުރުމުން އޮޑިވެރިން ބަނގުރޫޓް ވާނެ: ނޯއާ ދޯނީގެ ވެރިޔާ
ލިޔުން:
ލޭނު މަސްވެރިކަމަށް ހުއްދަ ދޭން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ކޮށްފިނަމަ ބޮޑުކަންނެލީގެ މަސްވެރިކަމަށް އިންވެސްޓް ކޮށްފަތިބި ދިވެހި އޮޑިވެރިން ބަނގުރޫޓް ވާނެކަމަށް ބޮޑުކަންނެލި މަސްވެރިކަންކުރާ ނޯއާ ދޯނީގެ ވެރިޔާ އަބްދުލް ހަލީމު ބުނެފިއެވެ.
ލޯބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ކުރަމުންގެންދާ މަސައްކަތާ ގުޅޭ ގޮތުން މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ހަލީމު ބުނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ޖެހޭކަން ވިސްނައިދިނުމަށް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ހުރީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ.
އެގޮތުން ވޭތިވެ ދިޔަ އަހަރުވެސް ރާއްޖޭގެ މަސްވެރިން ބާނާފައިވަނީ 30 ހާސް މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލިކަމަށާއ، ދިވެހި ރާއްޖޭގެ ކަނޑުތަކުން އަހަރަކު 47 ހާސް މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ނުބާނާފިނަމަ ކޯޓާ ކުޑަކޮށްފާނެކަމަށްބުނެ ލޭނު އެޅުމުގެ ހުއްދަ ދޭން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ސަބަބަކީ މަސްވެރިކަމަކީ ކޮންމެ ދުވަހަކު، ކޮންމެ މަހަކު އަދި ކޮންމެ އަހަރަކު އެއް ގޮތަކަށް އޮންނަ ކަމެއް ނޫންކަމަށާއި މަސްވެރިކަން ރަނގަޅުނަމަ މިހާރު ރާއްޖޭގައި މިހުރި ކަންނެލި ދޯނިތަކުން އަހަރަކު 47 ހާސް މެޓްރިކް ޓަނަށްވުރެ ގިނައިންވެސް ބޭނިދާނެކަމަށެވެ.
އަދިވެސް އިތުރަށް ހަލީމު ބުނީ ލޭނު އެޅުމަށް ހުއްދަކުރަނީ 100 މޭލު ބޭރުން ކަމަށްބުނެ އެ ހިސާބަކީ މަސްވެރިން މަހަށް ނިކުންނަ ހިސާބެއް ނޫންކަމަށް ނޫސް ބަޔާނުގައި ބުނެފައިވާއިރު ބޮޑު ކަންނެލީގެ މަސްވެރިން އާއްމުކޮށް މިހާރުވެސް މަސްވެރިކަން ކުރަނީ 200 މޭލަށްވުރެ ބޭރުން ކަމަށެވެ.
އަދި ލޭނު އެޅުމުގެ ހުއްދަ ދޭންއުޅެނީ ވަކި ބަޔަކަށް ޓާގެޓްކޮށްގެންކަމަށް ބެލެވޭ ކަމަށާއި އެގޮތުން ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން އެމަސައްކަތް ފަށައި އެކަމަށް ހާއްސަ ބޯއްޓުތައް ގެނެސް ބިދޭސީންނާއެކު އެއްމެ ދިވެއްސަކު ލައިގެން އެކަން ކުރަން ފެށުމުން ދިވެހި އޮޑި ތަކުން ބާނާ ކަންނެލި ކިރާނީ ކޮންފަރާތަކުންތޯ ހަލީމު ސުވާލު އުފެއްދިއެވެ.
އަދި ފާހަގަކުރި ގޮތުގައި މީގެ ކުރިންވެސް 2015 ހިސާބުގައި ލޭނުގެ މަސްވެރިކަން ހުއްދަކުރުމަށް ތައްޔާރުވެ ބޭރުގެ ފަޅުވެރިންނާ އެކު އެކަމަށް ހާއްސަ ވަރަށް ގިނަ އުޅަނދުތައް ގެނެސް ހުޅުމާލެ ފަޅުތެރޭގައި އޮތްތަން މަސްވެރިންނަށް ފެނިފައިވާނެ ކަމަށެވެ.
ލޭނު މަސްވެރިކަމަކީ ޔޫރަޕިއަން ޔޫނިއަނުންވެސް ހިތްވަރުދޭކަމަކަށް ނުވާއިރު ޔޫރަޕުން ދިވެހިން ބާނާ މަހަށް ޔޫރަޕުން ބޮޑު އަގު ހޯދުމަށްވެސް ހުރަހަކަށް އެކަން ވާނެކަމަށް ހަލީމު ފާހަގަކުރިއެވެ.
މީގެ އިތުރުން ލޭނުގެ މަސްވެރިކަމަށް ބޭރުން އިންޕޯޓް ކުރާ ބޯޓްތައް ބޭރު ކަނޑަށް ނިކުމެ ތެލުގެ ވަގު ވިޔާފާރިއާއި ހުއްދަނޫން ތަކެތި ރާއްޖެ އެތެރެކުރުންފަދަ ކަންކަމަށް މަގުފަހިވެގެންދިއުމަކީވެސް ވެދާނެ ކަމެއްކަމަށް ފާހަގަކުރިއެވެ.
ހަލީމު ފާހަގަކުރި ގޮތުގައި ރާއްޖޭގެ މަސްވެރިކަން އިންޑަސްޓްރީއެއްގެ ގޮތުގައި ދެމެހެއްޓޭނީ މަސްވެރި އުޅަނދުތައް ދެމެހެއްޓިގެން ކަމަށާއި މަސްގަންނަ ފަރާތްތަކުން އެފަރާތަށް ބޭނުންވާ މަސް އަމިއްލައަށް ހޯދާ އުސޫލަކަށް އެކަން ބަދަލުވެއްޖެ ނަމަ ދިވެހި ރާއްޖޭގެ މަސްވެރިކަން އެހާހިސާބުން ހަތިމުވާނެކަމަށެވެ.
ލޭނު އެލުން ހުއްދަކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވާއިރު މަސްވެރިންގެ ފަރާތުން ޕެޓިޝަނެއްގައި ސޮއިކުރުންވެސް ބޮޑުކަންނެލި ޔޫނިއަންގެ ފަރާތުން ކުރިއަށްގެންސާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
