އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
މޭރީ މަރާލި މައްސަލައިގައި ލަމްހާގެ މައްޗަށް ކޮށްފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލާފަ އެވެ.
އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ހުކުމް ކޮށްފައިވަނީ، ލަމްހާ ބަންދު ކުރި ހާލަތްތައް ބަދަލެއް ނާންނަ ކަމަށެވެ. އަދި ޝަރީއަތް ލަސްވުމަކީ މުޖުތަމައަށް ނުރައްކާވެދާނެ ކަމުގެ އިހުތިމާލު އޮތް މީހަކު ދޫކޮށްލަން ޖެހޭ ސަބަބެއް ނޫންކަން ސުޕްރީމް ކޯޓުގެ މީގެކުރީގެ ނިންމުންތަކުގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުން މިއަދު ވަނީ ލަމްހާ ގޭބަންދަށް ބަދަލުކުރަން ނެރުނު އަމުރު ބާތިލު ކޮށްފަ އެވެ. އަދި ލަމްހާ ބަންދު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން 7 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ އޭނާގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށްވެސް ހުކުމް ކޮށްފައިވެ އެވެ.
ފިލިޕިންސަށް ނިސްބަތްވާ މޭރީ މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މޭރީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އެވެ. އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.







