މާލެ: 31°C

ލާމަށް ޗައިނާ ސަފީރުކުރި ދަތުރުގައި ސިއްރެއް ވޭތަ!

ލާމަށް ޗައިނާ ސަފީރުކުރި ދަތުރުގައި ސިއްރެއް ވޭތަ!
May 21, 2023
2 ފަހަރު ބަލާފައި
ލާމަށް ޗައިނާ ސަފީރުކުރި ދަތުރުގައި ސިއްރެއް ވޭތަ!
ދުނިޔޭ އެންމެ ނުފޫޒުގަދަ ގައުމު ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ވާންގ ލެޒިން ލާމް އަތޮޅަށް މީގެ ދުވަސްތަކެއް ކުރިން ކުރި ދަތުރުގައި ސިއްރަކީ ކޮބައި ހެއްޔެވެ؟ ދުނިޔެ ތަހްޒީބުވެ، ކަނޑި ބަޑީގެ ހަނގުރާމަތަށް ހުއްޓި ފިކުރީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމުތަކުގެ މައްޗައް ނުފޫޒު ފޯރުވުމަކީ މިއަދުގެ ދުނިޔެ ބުނެދޭ ފިލާވަޅުތަކެވެ. ވިޔަފާރިވެރިންނާއި މީޑިޔާގެ ނުފޫޒުގަދަ ފަރާތްތަކަކީ ކޮންމެ ގައުމެއްގެ ވެސް މުސްތަގުބަލް ކުރަހާލަދޭ ބަޔަކަށް ވެގެންދާއިރު، ޗައިނާ ސަފީރުގެ މެސެޖް މިއަދު ސާފެވެ. ޗައިނާ ސަފީރު ލާމް އަތޮޅަށް ކުރެއްވި ކުއްލި ދަތުރުފުޅުގައި އެއަތޮޅުގެ ކައުންސިލްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބައްދަލު ކުރެއްވި އެވެ. އަތޮޅަށް ދަތިވެފައިވާ ކަންކަމާއި ހިޔާލް ބަދަލުކުރެއްވި އެވެ. ދަނޑުތަކަށް ޒިޔާރަތް ކުރައްވާ ދަނޑުވެރިންނާއި ބައްދަލު ކުރެއްވި އެވެ. މިހުރިހާ ބައްދަލުވުންތަކުން ވެސް ލޮލުގައި އަޅައިގަނެ ހާއްސަވި ބައްދަލުވުމެއް ވި އެވެ. މުނާސަބު ނޫން ތަނެއްގައި މުނާސަބު ނޫން ބައްދަލުވުމެއްް ބޭއްވުމުންނެވެ. އާދެ، ޗަންޕާ ގްރޫފުން ހިންގި ދިޓީވީގެ ކުރީގެ ސީއީއޯ އަދި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަންޕާގެ އެއް ސިއްރުވެރިޔާގެ ގޮތުގައި ބެލެވޭ މަސްއޫދުގެ ބައްދަލުވުމުގެ ފޮޓޯތައް އާއްމުވެގެން ދިއުމަކީ އާދައިގެ މެސެޖެއް ނޫނެވެ. ތެދެކެވެ. މީޑިޔާގެ ނުފޫޒުގަދަ ފަރާތްތަކާއި ވިޔަފާރިވެރިންގެ ތާއީދާއި ރުހުން ހޯދުމަކީ ސިޔާސީ ފަރާތްތަކުގެ އެންމެ މުހިއްމު ރުކުނެވެ. ޗައިނާ ސަފީރު ލާމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސް ކޮޅެއް ފަހުން ލާމް އަތޮޅުގެ މޭންލޭންޑްގެ ގޮތުގައި ބެލެވޭ ގަންފޮނަދޫ ސަރަހައްދުގައި އެސަރަހައްދުގެ ރައްޔިތުންނަށް ލަގްޒަރީ 2 ހޮޓެލް އެޅުމަށް ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިޔާ ޗަންޕާ ނިންމަވައި ކައުންސިލަށް ހުށަހެޅުއްވުމަކީ ވެސް އާދައިގެ މެސެޖެއް ނޫނެވެ. ރާއްޖޭގެ އެންމެ މުއްސަދި ކުންފުނީގެ ޗެއަރމަން ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުޑަދަށުގައި މިހާރު ވެސް ރާއްޖޭގައި އެންމެ މަތީފަންތީގެ 18 ރިސޯޓް ހިންގަމުންދާ ކަމަށް  މައުލޫމާތު ލިބެ އެވެ. ލާމް އަތޮޅަކީ ބިންބޮޑު ސަރަހައްދެއް ނަމަވެސް ލާމަކީ ބޮޑެތި ވިޔަފާރިވެރިން މެގަ އިންވެސްޓްމެންޓަތަކެއް މިހާތަނަށް ކޮށްފައިވާ ސަރަހައްދެއް ނޫނެވެ. އެހެންނަމަވެސް ޗައިނާ ސަފީރުގެ ދަތުރުފުޅަށް ފަހު ޗަންޕާގެ ސައުގުވެރިކަން ލާމަށް އޮތްކަން މިވަނީ ހާމަވެގެން ގޮސްފަ އެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ވޯޓްލުމަށް ވަނީ 4 މަސް ދުވަހަށް ކުޑަތަންވެފަ އެވެ. މިހާރު އޮތް ސަރުކާރުގެ މައްޗައް އިންޑިޔާގެ ނުފޫޒު އިންތިހާއަށް އޮތް އިރު، މި ނޮވެމްބަރު މަހު އުފެދޭ ސަރުކާރަކީ ޗައިނާގެ ޕްރޯ ސަރުކާރެއް ކަމަށް ހެދުމަށް ޗައިނާ އިން މަސައްކަތް ކުރާނެކަމީ ސައްކު ހިނގާ ކަމެއް ނޫނެވެ. މި ބަދަލުވުމުގެ އެއްވެސް ތަފްސީލެއް މިއަދާއި ހަމައަށް ލިބިފައި ނުވި ނަމަވެސް ބައްދަލުވުމަށް ފަހު އޭރު މަސްއޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ރީތި ނަލަ ލާމް އަތޮޅުން ޗައިނާ ސަފީރާއި ބައްދަލުވީތީ އުފާ ކުރައްވާ ކަމަށެވެ. މިޓްވީޓުން ވެސް މިއީ ރޭވިގެން ހިނގާފައިވާ ބައްދަލުވުމެއް ކަން ހާމަވެ އެވެ. https://twitter.com/masood_hilmy/status/1648215235499786240?s=46&t=lURNbqgch-xTtpCqbMFmQA ރާއްޖޭގެ ވެރިކަމަށް އަންނާނެ ފަރާތެއް ދެނެގަތުމުގެ ސައުގުވެރިކަން އަބަދު ވެސް ބޭރުގެ ނުފޫޒު ގަދަ ގައުމުތަކުން އޮވެއެވެ. ހާއްސަކޮށް އަވައްޓެރި އިންޑިޔާ އާއި ޗައިނާގެ ސައުގުވެރިކަން މިކަމުގައި ބޮޑެވެ. ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ގާތްގުޅުމެއް ގާއިމްކޮށްފައިވާއިރު، ރައީސް ސޯލިހްގެ ސަރުކާރުން ގެންގުޅެމުން ދަނީ އިންޑިޔާ ޕްރޯ ސިޔާސަތުތަކެކެވެ. މިގޮތުން ރައީސް ޔާމީން ސަރުކާރުން ހިންގި ބޮޑެތި ބިޔަ މަސްރޫއުތައް ހިންގާފައި ވަނީ ޗައިނާގެ ހިލޭ އެހީ އާއި ލޯނުންނެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުގެ ގިނަ މަސްރޫއުތައް ހިންގަމުން ދަނީ އިންޑިޔާގެ ލޯނާއި ހިލޭ އެހީގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ