މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ ދެ ގަރާރެއް މަޖިލީހަށް ލިބިފައިވާތީ، އެ ގަރާރުތަކާ މެދު ގޮތެއް ނިންމަންދެން އެ ދެ ބޭފުޅުން ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ، މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓެވުމަ ހަސަން އަފީފް އަށް ދަންނަވާ ކަމަށެވެ.
ހަސަން އަފީފް ރިޔާސަތާ ހަވާލުވެވަޑިގެން މަޖިލިސް ފެއްޓެވިނަމަވެސް، އަފީފް ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ބައެއް މެންބަރުން ވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.
ފަހަރަކު މެންބަރެއް ނިޒާމީ މައްސަލައެއް ނަގައި ރިޔާސަތަށް ފާޑުކިޔައި، އަޑުގަދަކޮށް ، އަފީފަށް ނިސްބަތްކޮށް ނަންނަމުން ގޮވާ، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުން ގެންގޮސްފައިވާތީ ރިޔާސަތުން ވަނީ މަޖިލިސް ޖަލްސާ ނިންމަވާލައްވާފައެވެ.
" އިއްޒަތްތެރި މެންބަރުން، ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާ ކަމަށް ވަންޏާ، އަޅުގަނޑު ޖެހޭނީ ޖަލްސާ މިހިސާބުން ނިންމާލަން، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، 13 ޖޫން 2023 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގަ" ޖަލްސާ ނިންމަވާ ލައްވަވަމުން ހަސަން އަފީފް ވިދާޅުވި އެވެ.






