މާލޭގައި ހަދަމުން އަންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިމި އެތަން ބޭނުންކުރަން ފެށޭވަރު ވާނެ ކަމަށް އެންވައަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.
މި ޓްރާންސްފާ ސްޓޭޝަންތަކަކީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ބެހެއްޓުމަށްޓަކާ ހަދާ ތަނެކެވެ.
އެތަނުގެ މަސައްކަތް މިއަދު ނޫސްވެރިންނަށް ދައްކާލުމަށް ފަހު މިނިސްޓަރު ޝައުނާ ވިދާޅުވީ އެ ތަނުގައި ހަދާ ދެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމުގައެވެ.
" މަސައްކަތް ހަވާލުކުރިތާ އަހަރެއްހާ ދުވަސްވީއިރު، މިހާރު ވަރަށް ބޮޑު ބައެއް ވަނީ ނިމިފަ، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ އުއްމީދަކީ އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި މިތަން ބޭނުންކުރަން ފެށުން " ޝައުނާ ވިދާޅުވިއެވެ.
[embed]https://twitter.com/MoEnvmv/status/1643513236309049346[/embed]
މިސްޓޭޝަނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން އުފެދޭ ކުނި، އެއްކޮށް އެކި ބާވަތުގެ ކުނި ވަކިކޮށް ކޮންޓެއިނަރުތަކަކަށް ބަހާލާނެއެވެ. މި ކޮންޓެއިނަރުތައް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުމަގުން އެ އެއްޗެހި ތިލަފުއްޓަށް ގެންދާއިރު، މޫދަށް ކުނި އެޅުމުގެ ފުރުސަތު ނުދިނުމާއި ނުބައި ވަސް ބޭރުވުން ކަމުގައި ވެމްކޯއިން ބުނެއެވެ.
މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް މިކަހަލަ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ސްޓޭޝަންތައް ހެދުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ އެވެ.