ދިވެހި ފުލުހުންގެ ޚިދުމަތުން މި އަހަރަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ ”ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް“ ޕްރޮގްރާމްގެ ހަރަކާތްތައް ހިންގުމަށް ތިން ފަރާތަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމްތަކުގެ ޕްލެޓިނަމް ޕާޓްނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ޕްލެޓިނަމް ޕާޓްނަރ ޕްރޮކްސީ، އަދި މީޑިއާ ޕާޓްނަރ އެސް.އެސް ޓީވީއާ ދެމެދު އެވެ.
ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އެވެ.
އެހެން ފަރާތްތަކުން ސޮއިކުރެއްވި ބޭފުޅުންނަކީ:
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް: ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު މުޢީން
- ޕްރޮކްސީ: މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާހިދު
- އެސް.އެސް ޓީވީ: ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީން
މި އެއްބަސްވުމުގެ ދަށުން، ކޮމިއުނިޓީ އެންގޭޖްމަންޓާ ގުޅޭ ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވާފައިވެ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިސަރުންނާއި ބައިވެރިވި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެއްބަސްވުމަކީ ފުލުހުންނާއި މުޖުތަމަޢުއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.
މި ޕްރޮގްރާމްގެ ސަބަބުން ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އިތުބާރު އިތުރުވެ، ކުށްކުރުން މަދުކުރުމަށް އެހީތެރިވެދޭނެ އެވެ.
މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުށްމަދުކުރުމުގެ ތަފާތު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވެ އެވެ.







