މާލެ: 31°C

ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައިހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެ: ނައިބު ރައީސް

ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައިހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެ: ނައިބު ރައީސް
May 17, 2023
2 ފަހަރު ބަލާފައި
ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައިހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެ: ނައިބު ރައީސް
ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަސީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ޖެން މޯލްޑިވްސްގައި ކުރިޔަށް ގެންދާ މި ކޮންފަރެންސް އަކީ އެއްދުވަހުގެ ކޮންފަރެންސެކެވެ. އެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި، ކުށުގެވެއްޓަށާއި، ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އެއާ އެއްވަރަށް ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތައްވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަސީލަތްތައް ފޯރުވައިދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައްވެސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖޭގެ އާބާދީކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމައަކަށް ވުމުން ނުކުންނަ މަސައްލަތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 2004 ވަނަ އަހަރު ދިވެހިރާއްޖޭގެ މުޅި ގާނޫނު އަސާސީ އަލުން އިސްލާހްކޮށް އެކުލަވާލުމުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ، މުސްތަގިއްލު ގޮތެއްގައި ތަހުގީގުތަަކާއި ޝަރީއަތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ޖަލްސާގައި ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ