އީސީ އިން ބުނީ މި ހަރަކާތް މިއަދު 16:00 އިން 18:00އަށް މާލޭ، އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނާނެ ކަމަށެވެ.
އަދި އަންނަ ހަފްތާ ހޮނިހިރު ދުވަހު މި ހަރަކާތް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ހަތަކާއި 11 އާ ދެމެދު އޮންނަ ޕާކު ގުރައުންޑު ސަރަހައްދުގައި އޮންނާނެ ކަމަށެވެ.
އީސީ އިން ބުނީ ރިރަޖިސްޓާ ކުރުމުގެ ފުރުސަތު މިމަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.އީސީ އިން ބުނެފައިވަނީ މިއީ މަޖިލިސް ރީރެޖިސްޓްރޭޝަނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ކޮމިޝަނުން ބާއްވާ ހަރަކާތެއް ކަމަށެވެ.
މިހަރަކަތަށް، ހަމައެކަނި އައިޑީކާޑު ހިފައިގެން ދިއުމުން ރީރެޖިސްޓާ ކުރަން ބޭނުންވާ ތަނަކަށް ރީރަޖިސްޓާ ކުރެވޭނެއެވެ..
މީގެ އިތުރުން، ދަރުބާރުގޭގައި ވެސް ރީރެޖިސްޓާ ކުރެވޭނެ ގޮތަށް ކިއޯސްކުތަކެއް ބަހައްޓައިފައި އެބަހުއްޓެވެ. އަދި ރަށްތަކުގައި ރީރެޖިސްޓްރޭޝަން ފަސޭހަ ކުރުމަށްޓަކައި ފޯކަލް ޕޮއިންޓުތަކެއްގެ ގޮތުގައި ކޮންމެ ރަށެއްގެ ވެސް ކައުންސިލު ވަނީ ހަމަޖައްސާފައެވެ.
ރާއްޖެއިން ބޭރުގައިނަމަ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީއަކުން ވެސް ރިރަޖިސްޓާ ކުރެވެއެވެ.
އޮންލައިންކޮށް ފޯމު ފުރިހަމަ ކުރާ ގޮތަށް އީސީން ވަނީ ނިންމައިފައެވެ. އެގޮތުން ކުރިން ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ނިޒާމުގެ އިތުރުން އީފާސް ބޭނުންކޮށްގެން ރީރެޖިސްޓާ ކުރެވޭނެ ގޮތް ވެސް އެ ކޮމިޝަނުން ވަނީ ހަމަޖައްސައިފައެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމަވާފައިވަނީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.







