މާލެ: 31°C
ކުޑަކުދިން ނަމާދަށް އަހުލުވެރި ކުރެވޭނީ ނަމޫނާ ދައްކައިގެން: ހުކުރު ހުތުބާ

ކުޑަކުދިން ނަމާދަށް އަހުލުވެރި ކުރެވޭނީ ނަމޫނާ ދައްކައިގެން: ހުކުރު ހުތުބާ

April 12, 2024
3 ފަހަރު ބަލާފައި
ކުޑަކުދިން ނަމާދަށް އަހުލުވެރި ކުރެވޭނީ ނަމޫނާ ދައްކައިގެން: ހުކުރު ހުތުބާ
ކުޑަކުދިން ނަމާދަށް އަހުލުވެރިކުރުވުމަށް އެންމެ ތުއްތު އިރުއްސުރެ މައިންބަފައިންގެ ފަރާތުން އެ ނަމޫނާ ދައްކަންޖެހޭކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ދަރިން ނަމާދަށް އަހުލުވެރިކުރުވުމެވެ" ހުކުރު ހުތުބާ ފަށަމުން އިމާމު ވިދާޅުވީ، ކޮންމެ މަންމަ އަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި އެދެމީހުންނާ ﷲ ހަވާލުކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އެ ދަރީންނަށް އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހެއެވެ. އެގޮތުން މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހުތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި އަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހުން ދެން އެންމެބޮޑު އިސްކަމެއް ދޭންޖެހޭނީ ނަމާދަށްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނީ ނަމާދަކީ ދީނުގެ ތަނބުކަމުގައި ވީހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖަބު އަޅުކަމެކެވެ. ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެއުރެންނާއި އަހަރެމެންނާއި، (އެބަހީ: ކާފިރުންނާއި މުސްލިމުންނާއި ދެމެދު (ތަފާތުކުރާ) އަހުދަކީ ނަމާދެވެ. ފަހެ ނަމާދު ވާޖިބުކަމަށް އިންކާރުކޮށް ނަމާދު އަޅައިފިމީހާ ހަމަކަށަވަރުން ކާފިރުވެއްޖެއެވެ. ހުކުރު ހުތުބާގައި ބުނީ އެންމެ ތުއްތު އިރުންފެށިގެން ދަރިން ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އެކަން ބަޔާން ކުރައްވައި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ތިޔަބައިމީޙުންގެ ދަރިން އުމުރުން ހަތް އަހަރުވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރު ކުރާށެވެ. އަދި ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރާ އެންމެ ފަހު ކަމަކަށް އަނިޔާނުވާނޭ ގޮތަށް ގައިގައި ޖަހައިގެން ނަމަވެސް އަދަބުވެރި ކުރުވާށެވެ! އަދި އެކުދިން ނިދާ ތަންމަތިތައް ވަކިކުރާށެވެ". ހުތުބާގައި ބުނީ މި ހަދީސުން ލިބޭ އިރުޝާދަށް ބަލާއިރު، އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދުކުރުމަށް އާދަވާނޭ ކަމެކެވެ. އެންމެ ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުއްޖާ ދަސްކުރާނެއެވެ. އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެއެވެ. ހުތުބާގައި ބުނީ ނަމާދަށް ބަންގިގޮވާ އަޑުއިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދުކުރަން ހިނގާށޭ ބުނަންޖެހޭނެ ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ، ނަމާދުކުރުން ކަމުގައި ހަދަންޖެހޭ ކަމަށްވެސް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ