ރ. ފުއްގިރި މައްސަލައިގެ ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައި، ހަމަ އެމައްސަލައިގައި އަދުވާކުރާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ މައްސަލަ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިފައިވާތީ، ދައުވާ އަނބުރާ ފޮނުވާލުމަށް މިއަދު ކޯޓުން ނިންމާފައިވާ ކަމަށެވެ.
ކްރިކް ރިޒާގެ ދައުވާ ނުހިމަނައި، ފުއްގިރި މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:00 ވަނީ ތާވަލުކޮށްފަ އެވެ.
ކުރިން އެ ދެޝަރީއަތް ވެސް ހިންގުމަށް ހަމަޖެހިފައި ވަނީ އެކީގައެވެ. ކްރިކް ރިޒާގެ ސިއްހީ ހާލު ހުރިގޮތުން ޖެހިގެން އެތައް ދުވަހަކު ޝަރީއަތްމަޑުޖެހިފައި ވަނިކޮށް، ކްރިކް ރިޒާގެ މައްސަލަ އިތުރަށް ބެލުމަށް މިހާރު މިވަނީ އަނބުރާ ގެންގޮސްފައެވެ.ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވަނީ ފުއްގިރި ވިއްކުމުގައި ރިޝްވަތު ދިނުމުގެ ދައުވާ އެވެ. ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ރައީސް ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މިމައްސަލައިގައި ދައުލަތުން ދައުވާ ކުރެއެވެ.







