ހުކުރު ދުވަހުގެ ރޭ 11:35 ހާއިރު ހުޅުމާލެ ރެހެންދި ޓާފަ ދަނޑުކައިރީ ހުރި މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖެހުމަށްފަހު ފިލަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލާގައި ހިމެނޭ 2 މީހުންގެ ތެރެއިން ރުސްތުމް 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ސައިފުﷲ ތަހުގީގާއި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ ގދ ފިޔޯރީ ހީނާމާގޭ، އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމް، އާއި ބ. ގޮއިދޫ ޒުވާނެއް ކަމުގައިވާ އުމުރުން 19 އަހަރުގެ ސައިފުﷲ ފައިސަލް އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މާލެ އަށް ދަނިކޮށް ބްރިޖް ހައިވޭ މަތިން ކަމަށާއި، އެ މީހުން އަތުން މާރާމާރީ ހިންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރާއި ވަޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.







