މާލެ: 31°C

ކޯރާޑިއަކުން ހަމަލާދިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު

February 12, 2025
220 ފަހަރު ބަލާފައި
ކޯރާޑިއަކުން ހަމަލާދިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު
ހުޅުމާލެ، ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރީގައި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން މާލެ އަންނަން މަސައްކަތް ކުރަނިކޮށް އަތުލައިގަތް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

ހުޅުމާލެ، ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރީގައި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން މާލެ އަންނަން މަސައްކަތް ކުރަނިކޮށް އަތުލައިގަތް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދީފައި ފިލަން މަސައްކަތްކުރި ދެ މީހަކު އަތުލައި ގަނެފައިވާ ކަމަށް ފުލުހުން ބުނީ އާދިއްތަ ދުވަހު އެވެ. އެ މީހާއަށް ހަމަލާދީފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ ހޮނިހިރު ދުވަހުގެ ރޭ 11:35 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ކަމުގަ އެވެ.

މާރާމާރީ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ؛

  • ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހިމް (25އ)
  • ބ. ގޮއިދޫ، ސައިފްﷲ ފައިސަލް (19އ)

ހޯމަ ދުވަހު ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ރުސްތުމް 3 ދުވަހަށް އަދި މައްސަލަ ނިމެންދެން ސައިފްﷲ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލާގައި ހިމެނޭ ރުސްތުމްގެ ބަންދާ މެދު ގޮތެއް މިއަދު ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ މާރާމާރީގައި ހަމަލާދީފައި ވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވޭ. އަދި ވަޅިއެއް ވެސް ވަނީ ފެނިފައި،" މީގެކުރިން ފުލުހުން ބުނެފައިވެ އެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ