މާލެ: 31°C
ޚިދުމަތުން ދުރުގައި ތިބި ސިއްހީދާއިރާގެ މީހުން އަނބުރާ ނެރުމަށް ހާއްސަ އުސޫލެއް ކަނޑައަޅައިފި

ޚިދުމަތުން ދުރުގައި ތިބި ސިއްހީދާއިރާގެ މީހުން އަނބުރާ ނެރުމަށް ހާއްސަ އުސޫލެއް ކަނޑައަޅައިފި

January 17, 2024
3 ފަހަރު ބަލާފައި
ޚިދުމަތުން ދުރުގައި ތިބި ސިއްހީދާއިރާގެ މީހުން އަނބުރާ ނެރުމަށް ހާއްސަ އުސޫލެއް ކަނޑައަޅައިފި
އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުސޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ހާއްސަ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ހާއްސަ އުސޫލު އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް އޮފީހުން ބުނީ އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ހާއްސަ އުސޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނިގެންވާ މުހިންމު މަސައްކަތެއް ކަމަށެވެ. މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުސޫލުގެ ދަށުން ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި، އެފަރާތްތައް ވޭޖް އުސޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން، އާންމު އުސޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިއުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ސިއްހީ ހިދުމަތްތެރިންގެ ތައުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުސޫލުން "ސިއްހީ ދާއިރާއަށް ހާއްސަ ޑައިރެކްޓް ރެކްރޫޓްމަންޓް" ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުސޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން، މިހާރު އެކި ސަބަބުތަކާ ހުރެ ހިދުމަތުން ދުރުވެފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއަރގެ އުސޫލުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް މިފަދަ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ހަމައެއާއެކު، މި އުސޫލުގެ ތެރެއިން ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ސިއްހީގޮތުންނާއި، ތައުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ގާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުސަތު ދެވޭނެ ގޮތްވެސް ހަމަޖެހިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ