މާލެ: 31°C

ކެޔޮޅު ރަޝީދު: ޒުވާނުން މަސްވެރިކަމަށް ނެރުމަށް މަސައްކަތް ކުރާ ނަމޫނާ ކެޔޮޅެއް

December 10, 2022
2 ފަހަރު ބަލާފައި
ކެޔޮޅު ރަޝީދު: ޒުވާނުން މަސްވެރިކަމަށް ނެރުމަށް މަސައްކަތް ކުރާ ނަމޫނާ ކެޔޮޅެއް
ކެޔޮޅު ރަޝީދު: ޒުވާނުން މަސްވެރިކަމަށް ނެރުމަށް މަސައްކަތް ކުރާ ނަމޫނާ ކެޔޮޅެއް
ހއ. އިހަވަންދޫއަކީ އުތުރުގެ އެންމެ މަސްވެރި ރަށެވެ. އެއީ މުޅި ރާއްޖެއިންވެސް މަސްވެރިކަމުގެ އޮޑިދޯނިފަހަރު އެންމެ ގިނަ އެއް ރަށެވެ. އެރަށުގައި އެހާ ގިނަ މަސްދޯނިފަހަރު ދުއްވެނީ ޝައްކެއްވެސް ނެތް ގޮތުގައި ޒުވާނުން މިދާއިރާގައި ހަރަކާތްތެރިވާތީއެވެ. ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނެރުމަށް އެންމެ ބުރަ މަސައްކަތް ކުރާ ކެޔޮޅަކީ އެރަށު މާހޯރަ-3 ދޯނީގެ ކެޔޮޅު އިބްރާހިމް ރަޝީދެވެ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ. ރަޝީދުގެ ކައިރިން ތަމްރީންވެގެން އިތުރު ކެޔޮޅުން އުފެދިއްޖެއެވެ. އިތުރު މަސްވެރިން މިދާއިރާއަށް ނިކުމެއްޖެއެވެ. ކެޔޮޅު ރަޝީދުގެ އުމުރުން މިހާރު 50 އަހަރުވެފައިވާއިރު، ކެޔޮޅުކަން ކުރާތާ މިހާރު 23 އަހަރުވަނީ ވެފައެވެ.
އިބްރާޙީމް ރަޝީދު ބުނީ އޭނާ މަހަށްދާން ފެށީ ވަރަށް ޅައުމުރުގައި ކަމަށެވެ. ގާތްގަނޑަށް 14 ނޫނީ 15 އަހަރުގައި މަހަށްދާން ފަށާފައިވާ ކަމަށް އިބްރާހިމް ރަޝީދު ބުންޏެވެ.
ރަޝީދުގެ ކެޔޮޅުކަމުގެ ދަށުން އެއްދަތުރުން އެންމެ ގިނައިން ބޮޑުކަންނެލި ބޭނުމުގެ ރިކޯޑް ވަނީ މިއަހަރު މުގުރާލާފައެވެ. 14 ޓަނުގެ ކަންނެލި ބާނައިގެން މާހޯރަ-3 މި ރިކޯޑް ހެދީ މިދިޔަ ނޮމެމްބަރު މަހު ފަހުކޮޅުގައެވެ. "އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ ޒުވާނުން މިދާއިރާއަށް ނެރެ މި މަސައްކަތް ވީހާވެސް ފުޅާކުރުން. ވީހާވެސް ގިނަ ކެޔޮޅުން އުފެއްދުން. އަޅުގަނޑަށް އެނގިފައިވާއެއްޗެއް އެހެން ކުދިންނަށް ކިޔާދިނުން. އަޅުގަނޑުގެ ވިސްނުމަކީ ލާރިބެހުމުގައިވެސް ޒުވާނުންނަށް އިސްކަން ދިނުން." ކެޔޮޅު ބުންޏެވެ. [caption id="attachment_74404" align="aligncenter" width="1296"] ރަޝީދު ދުއްވާ މާހޯރަ-3[/caption] ރަޝީދުގެ ކަންބޮޑު ވުމަކީވެސް ހުރިހާ މަސްވެރިންގެ ކަންބޮޑުވުމެވެ. ރަޝީދު ބުނީ ރާއްޖޭގެ މަސްވެރިކަމަކީ މޫސުމީ ކަމަކަށްވާއިރު، ކޮންމެ އަހަރެއްގައިވެސް މަސްވެރިކަމުގެ ސީޒަން އަންނަ އިރު މަސް ކިރުވުމަށް ފެލިވަރު އޮންނަނީ ތައްޔާރަށް ނޫން ކަމަށެވެ. އެގޮތަށް ދިމާވުމުން މަސް ކިރުވުމަށް ގިނަ ދުވަސްތަކެއް ވަންދެން ކިއުގައި ތިބެން ޖެހުމުން މަސްވެރިކަމަށް ނުނިކުމެވި ގިނަ ދުވަސްތަކެއް ހޭދަވާ ކަން ފާހަގަކުރިއެވެ. "ކުރިއާލާ އެބަ އެނގޭ މަސްވެރިކަން ރަނގަޅުވަނީ ކޮން ދުވަސްވަރެއްގައި ކަން، އެދުވަސްވަރާ ދިމާކޮށް ވަގުތީ ހައްލެއްވެސް ގެނެސްދެވިދާނެ، މަސް ކިރާނެ އިތުރު ބޯޓެއްވެސް ގެނެވިދާނެ، އެކަމު އެފަދަ ކަމެއް ކުރާތަނެއްވެސް ނުފެނޭ،" އިބްރާޙީމް ރަޝީދު ބުންޏެވެ. އިބްރާޙީމް ރަޝީދުގެ ވިސްނުންހުރީ މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށެވެ. މި ދާއިރާއިން ރަށަށާއި ޤައުމަށް ޚިދުމަތްކުރުން މަތީ ދެމިހުރުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ