މާލެ: 31°C

ކަނޑުހުޅުދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް މި އަހަރު ތަރައްގީ ކޮށްދެއްވާނަން: ރައީސް

January 9, 2025
46 ފަހަރު ބަލާފައި
ކަނޑުހުޅުދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް މި އަހަރު ތަރައްގީ ކޮށްދެއްވާނަން: ރައީސް
ކަނޑުހުޅުދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް މި އަހަރު ތަރައްގީ ކޮށްދެއްވާނަން: ރައީސް
ގއ. ކަނޑުހުޅުދޫ 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި، އެ މަރުކަޒުން ހުށަހަޅުއްވާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދެއްވުމުގެ އަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި ޔަގީންކަން ދެއްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ، ސިއްހީ އިތުރު ފަރުވާއަށް ބޭނުންވާ ބަލި މީހުން އުފުލުމަށް ބޭނުންކުރާ ސީ-އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑުހުޅުދޫ ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމަށް، މާލެ ވަޑައިގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށްޓަވާނެ ކަމުގެ ޔަގީން ކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު އަމަލީ މަސައްކަތްތައް ފަށްޓަވައި، އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، އެ މަނުކުފާނު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފައެެވެ. އެގޮތުން ރައީސް ވިދާޅުވީ، ކަނޑުހުޅުދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށެވެ. އެ މަނިކުފާނު ވަނީ، ކަނޑުހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދެވި އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްގީ ކަންކަމަށް އަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫއުތައް ހިންގެވުމުގެ އިތުރަށް، އުމްރާނީ ގޮތުން އިތުރު ތަރައްގީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ތައުލީމީ ދާއިރާ އެކު ކުޅިވަރުގެ ދާއިރާއަކީ ކަނޑުހުޅުދޫއަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރަށުގެ ފުޓްސަލް ދަނޑަށް ގެންނަންޖެހޭ ތަރައްގީ ގެނެސްދެއްވައި، ފުޓުބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށް، އެތުލެޓިކްސްއަށް ބޭނުންކުރެވޭ ގޮތަށް ތަން ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި ފެށުނު 2025 ވަނަ އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބޯހިޔަވަހިކަމުގެ މަޝްރޫއުތައް ކަމުގައި ވާއިރު، އެ މަނިކުފާނު ވަނީ ކަނޑުހުޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށަށް ބޭނުންވެފައިވާ އިތުރު ހައުސިންގ ޔުނިޓްތައް އެޅެން އޮތީ ބިން ހިއްކައިގެން ކަމަށާ، ނަމަވެސް މި އަހަރު ތެރޭގައި އެ މަޝްރޫއު ފެށިދާނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކަން އެހެން ދިމާވި ނަމަވެސް، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއު ހިންގަވައިދެއްވާނެ ކަމަށާ، އެ މަޝްރޫއު ނިމުމާއެކު އެންމެ ލަސްވެގެން ދެން އަންނަ އަހަރެއްގައި ރޯ-ހައުސްގެ މަޝްރޫއު ހިންގަވައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަޖެހި، އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކާމިޔާބު މިންވަރުކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ