ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އާއްމުކުރަން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އިން އެންގި އެންގުން ސަރުކާރުން ހައިކޯޓުގައި އިސްތުނާފްކޮށްފި އެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން ހުސްވި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އައިކޮމް އަށް ރައްދުވާ މައްސަލައެއް އޭޖީ އޮފީހުން ހުށަހަޅާފައިވެ އެވެ.
އެ މައްސަލަ މިއަދު ރަޖިސްޓްރީ ކޮށްފައިވާއިރު، އެނގިފައިވާ ގޮތުން އެއީ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން އައިކޮމުން އެންގި އެންގުން އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ އެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޮކްޓޫބަރު 15, 2024 ގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން އަދި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު, ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ދަށުން އެ މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ، މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.
އެ މައުލޫމާތު ހޯދަން އެދި ތިން ފަރާތަކުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އައިކޮމުން ޑިސެމްބަރު 25 ގައި ބޭއްވި އަޑުއެހުމުގައި ވަނީ ގޮތް ނިންމާފަ އެވެ.
އައިކޮމުން ބުނީ ވަކިކުރި މުވައްޒަފުންގެ ދާއިމީ އެޑްރެހަކީ ޒާތީ މައުލޫމާތަކަށް ވާތީ އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންނަކީ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުންނަށް ވާތީ އެ މީހުންގެ މައުލޫމާތަކީ އާންމު މަސްލަހަތުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
އެހެންކަމުން ރިފޯމް އެޖެންޑާގެ ދަށުން ވަކިކުރި މުވައްޒަފުންގެ ނަމާއި މަގާމާއި ވަޒީފާ އަދާކުރި ތަނާއި ލިބުނު މުސާރަ އަދި ވަކިކުރި ތާރީހަކީ ހާމަކުރަން ޖެހޭނެ މައުލޫމާތުކަން ފާހަގަކުރި އެވެ. އެ މައުލޫމާތުތަކަށް އެދުނު ފަރާތްތަކަށް ރަސްމީ ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ހާމަކުރަން ރައީސް އޮފީހުގެ މައްޗަށް ކޮމިޝަނަރު ވަނީ އަމުރުކުރައްވާފަ އެވެ.







