
ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރާއި، ކެރުން ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެ: ސީޕީ
ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރާއި، ކެރުން ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެ: ސީޕީ
ލިޔުން:
ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރާއި، ކެރުން ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެކަމަށް ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާލވީ، ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 35 ވަނަ ބުރުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، ތަމްރީނު ފުރިހަމަކުރުމަށްފަހު ހިދުމަތަށް ނުކުންނަ ފުލުހުން އިސްކަންދޭންވާނީ ތަމްރީނުން ދަސްވި ކަންކަން ދަސްވިގޮތަށް ހިދުމަތްކުރުމުގެ އަޒުމުގައި މަސައްކަތްކުރާ އަދި އެ އަޒުމުގައި ދެމިތިބޭނެ ބަޔަކަށް ވުމަށާއި އެ މަސައްކަތް އިތުރަށް ރަނގަޅުކޮށް މަސައްކަތް ކުރުމުގައި ހުރެދާނެ ނުރަނގަޅު ސަގާފަތެއްވާނަމަ އެ ސަގަފާތެއް ބަދަލުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށްކަމަށެވެ.
ހަމައެއާއެކު އަލަށް ތަމްރީނުވެގެން ހިދުމަތާގުޅޭ ވަގުތަކީ މިފަދަ މުއައްސަސާއެއްގައި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަން ފުލުހުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރާއި، ކެރުން ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، މުޖުތަމައުގެ ތެރެއިން ކުށެއް ކުރާތަން ފެނިއްޖެނަމަ އެކަމަކަށް ފުރިހަމައަށް އެޓެންޑުވުމުގެ ގާބިލުކަމާއި ފެންވަރު ހުންނަންވާނެކަމަށާއި ފުލުހުން މަސައްކަތްކުރަމުން ދަނީ ތަފާތު ހާލަތްތަކާ ބައްދަލުވުމަށް ފުލުހުންނަށް ބޭނުންވާނެ ފުރިހަމަ ތަމްރީނު ހުރިހާ ފުލުހުންނަށްވެސް ފޯރުކޮށްދިނުމަށްކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް ގެނެވެމުންދާ އެންމެ ބޮޑެތި ބަދަލުތައް ގުޅިފައިވަނީ ރައްޔިތުންނާ ގާތުން ހިދުމަތްދިނުމާއި، އަވަސް އަދި ފަސޭހަ ހިދުމަތެއް ދިނުމަށްކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުން ފުރިހަމަކުރުމާއި ޓެކްނޮލޮޖީގެ ފަސޭހަ ހުރިހާ ފުލުހުންނަށް މަސައްކަތުގައި ބޭނުން ހިފޭނެ ގޮތަށް ބައްޓަންކުރުމާއި ފުރިހަމަ ވަސީލަތްތައް ހޯދައިދިނުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، ފުލުހުންގެ އަސާސީ ތަމްރީނަކީ ހިދުމަތާ ގުޅޭ ފުލުހުން ފުރިހަމަ ފުލުހަކަށް ބަދަލުކޮށްލާ މަރުހަލާ ކަމަށާއި އަސާސީ ތަމްރީނުގެ މިބައި ފުރިހަމަކޮށްގެން އަމަލީގޮތުން މަސައްކަތް ދަސްކުރުމަށް ނުކުންނައިރު ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތާމެދު ވިސްނާ ގޮތް ތަފާތުވާނެކަމަށެވެ. އަދި މަސައްކަތަށް ގެންގުޅޭ އެޕްރޯޗް ތަފާތުވާނެކަމަށާއި ބައެއް ފުލުހުންނަކީ މަސައްކަތުގެ މާހައުލުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތުގައި އުޅުމަށްފަހު އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައިވާ ފުލުހުން ކަމަށާއި އޭރު ވަސީލަތްތަކުގެ ދަތިކަން ހުރިގޮތުން ވަޒީފާގެ މަސްއޫލިއްޔަތާ ހަވާލުވި ހިސާބުން މިފަދަ ތަމްރީނެއް ފުރިހަމަކުރުގެ ފުރުސަތުލިބިފައި ނުވިނަމަވެސް މިހާ ހިސާބުންވެސް އެ ތަމްރީނު ލިބިގެން ދިއުމަކީ އޭގެ ފައިދާ ހެޔޮގޮތުގައި މަސައްކަތަށް ކުރާނެ ކަމެއްކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ތަމްރީނުގެ އެއްވެސް މިންވަރެއް ނުލިބި މަސައްކަތްކުރިއިރު ކުރި ގޮތާ، ދެން މަސައްކަތްކުރާނެ ގޮތް ތަފާތުވާނެކަމަށާއި ދަސްވެނިވި ފުލުހުންނަކީ މުޅިން އަލަށް މަސައްކަތަށް ފަށާ ފުލުހުންކަމަށް ވިދާޅުވިއެވެ. އަދި ތަޖުރިބާއާއެކު ދެން އޮތް މަރުހަލާގައި މަސައްކަތުގައި ކުރިއަށްދާން ތިބި ފުލުުހުންނަކީ އެ ގާބިލުކުރަން ހުރި އަދި އެ ތަފާތު ކޮންމެ ދުވަހެއްގެ މަސައްކަތުގައިވެސް ދައްކާނެ ފުލުހުންކަމަށް އުންމީދުކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ފުލުހުންގެ ހިދުމަތް މިއަދާ ހަމައަށް ގެނެވިފައި މިވަނީ ގިނަ ބައެއްގެ ބައިވެރިވުމާއި، ވިސްނުމާއި، މިންނެތް މަސައްކަތުގެ ތެރެއިންކަމަށާއި މިއަދުގެ ދިވެހި ފުލުހުންގެ ހިދުމަތަކީ ހުރިހާ ކަމެއްގައިވެސް އަދި ހުރިހާ ވަގުތެއްގައިވެސް ރައްޔިތުންގެ ބޭނުންތައް އިސްކުރާނެ މުއައްސަސާއެއްކަމަށެވެ.
މުޖުތަމައުއާއި ފަރުދުންގެ އިތުބާރު ހޯދައި، ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދިނުމަށާއި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް އަހުލުވެރިވެ އޭގެ ބޭނުން ހިފައިގެން ކުށްތަކާއި މައްސަލަތައް ހައްލުކުރުމާއި އޮޕަރޭޝަންތައް ދުވަހުން ދުވަހަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ސީޕީ ގެ ވާހަކަފުޅުގައި އެދިލެއްވިއެވެ. އަދި ދަތި އަދި ހާސްކަމުގެ ހާލަތު މެދުވެރިވެފައި ތިބޭ މީހުންނާއި ނަފުސާނީ ސިއްހަތުގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ މީހުންގެ ހާލަތު ދަނެ ރަނގަޅަށް އަޅާލަން ދަސްކުރުމަށާއި ކުރިމަތިލުމަށްވުރެ މުއާމަލާތުކުރަން އިސްކަންީދގެން ހާލަތްތަކުގެ ހޫނުކަން ދަށްކުރަން މަސައްކަތްކުރުމަށް ކޯހުގެ ދަސްވެނިންނަށް އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ، ރައްޔިތުންގެ ހިދުމަތްދާރުންގެ ގޮތުގައި ދެމިތިބުމަށް ޕްރޮފެޝަނަލް ގާބިލިއްޔަތު މަތިކުރުމަށް އަބަދުވެސް އުނގެނުމަށް އިސްކަންދިނުމަށާއި މުޖުތަމައާއި ޕަބްލިކް އަދި ޕްރައިވެޓް މުއައްސަސާތަކާއެކު، މައްސަލަތަކަށް ދުރާލާ ހައްލުހޯދުމަށް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ކުރިއަށް ނެރުމުގެ އިތުުރުން ދެފުށް ފެންނަ އަދި ޖަވާބުދާރީވާ ނިޒާމެއްގެ ތެރޭގައި އެންމެ މަތީ މިންގަނޑުތަކުގެ މަތީ ދެމިތިބުމާއި ހެދޭ ގޯހުން އިބުރަތް ލިބިގަނެ ޕްރޮފެޝަނަލް ފުލުހުނަށް ވުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
ގޮންޖެހުންތަކާ ކުރިމަތިލެވޭ އިރު އާއި، ބަދަލުވާ ހާލަތަކަށް ތައްޔާރަށްތިބެ ރައްޔިތުން ރައްކާތެރިކޮށް ހިދުމަތްތެރިވުމަށް އިސްކަންދިނުމަށް އަބަދުވެސް މަސައްކަތް ކުރުމަށާއި ޖިސްމާނީ އަދި ނަފުސާނީ ސިއްހަތު ރަނގަޅުވުން އެއީ ފުލުހެއްގެ ގާބިލުކަމާ އަދި އެހެން މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ދިނުމަށް ވަރަށް މުހިންމު ކަމެއްކަން ދަނެ އަމިއްލަ ނަފްސާމެދު އަޅާލާ ބަޔަކަށް ވުމަށްވެސް ކޯހުގެ ދަސްވެނިންނަށް ސީޕީ އިރުޝާދު ދެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
