މާލެ: 31°C
ކަނބަލުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ފަހިކުރަންޖެހޭ: އަފްރީން

ކަނބަލުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ފަހިކުރަންޖެހޭ: އަފްރީން

March 6, 2024
2 ފަހަރު ބަލާފައި
ކަނބަލުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ފަހިކުރަންޖެހޭ: އަފްރީން
ވިޔަފާރީގެ މައިދާނުގައި އަންހެނުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ބޭންކު، އެސްޑީއެފްސީން ގުޅިގެން ބޭއްވި "ހިޔަލަ ފޯރަމް 2024" ފައްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި އަފްރީން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރު ކަމުގައިވާ " ކުރިއެ ރު މުގެ ދުވެލި ހަލުވިކުރުމަށް އަންހެނުންނަށް ޓަކައި ވުނަކުރުން" ނުވަތަ "އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް" އާ އެއްގޮތަށް ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއެކު، އަންހެނުން ކުރިއެރުވުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ތަރައްޤީގެ އެކި މަސައްކަތްތައް ރާވާފައިވާކަމަށެވެ. އެގޮތުން އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި ޚާއްޞަ ލޯނުތަކާއި ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީއާއި އެސްޑީއެފްސީން ވިޔަފާރީގެ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމަށް ފަންނީގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތައްވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ. "މި ފޯރަމްގެ ސަބަބުން ބަވަނަވެފައިވާ ދުނިޔެއެއްގައި އަދުގެ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވާ ތަފާތު އެކި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެވޭނެ. އަދި އެކަންކަން ހައްލު ކޮށްދިނުމަށްޓަކައި ސަރުކާރާއި އާންމު ފަރުދުންގެ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެވިގެންދާނެ" އައިޝަތު އަފްރީން ވިދާޅުވިއެވެ. އެކަމަނާ ވަނީ، ރާއްޖޭގައި މަތީ ސާނަވީ އަދި މަތީ ތަޢުލީމް ހާސިލްކުރާ އަންހެން ކުދިންގެ ނިސްބަތް އިތުރުވެފައި ވީނަމަވެސް، އޭގެތެރެއިން ވަޒީފާއާއި ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ކުދިންގެ އަދަދު މަދު ކަން ފާހަގަކުރައްވައި، މިފަދަ ފޯރަމްތަކުގެ ސަބަބުން މިފަދަ ކަންކަން ދިމާވާން މެދުވެރިވާ ސަބަބުތަކާއި އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކުރެވިގެން ދާނެކަން ފާހަގަ ކުރައްވާފައެވެ. އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުން ބައިވެރިވި މި ފޯރަމްގެ ކީ ކޯޓް ސްޕީކަރ އެއްގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ، ތަޢުލީމީ ދާއިރާއިން ޤައުމަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެއް ކަމަށްވާ ޑރ.އާމާލް ޢަލީއެވެ. މި ފޯރަމްގައި ޑރ.އާމާލް ދެއްކެވި ވާހަގަފުޅުގައި ވަނީ ޢާއިލާ ބިނާ ކުރުމާއި މުޖުތަމަޢުގެ އެކި ކަންކަމުގައި އަންހެނުން ކުރާ މަސައްކަތުގައި ފިރިހެނުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އަންހެނުންނަކީ މުޖުތަމަޢު ބިނާކުރުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ބައެއްކަންވެސް ދރ.އާމާލް ވަނީ ފާހަގަކުރައްވާފައެވެ. މި ފޯރަމްގައި ބައިވެރިވި ފަރާތްތަކުން ވަނީ، މުޖުތަމަޢުގައި ހުރި ސަޤާފީ އަދި އިޖުތިމާއީ ބައެއް ކަންކަމާއި ބައެއް ފަހަރު މުޖުތަމަޢުއިން ކަންކަން ބަލައިގަންނަ ގޮތުގެ ސަބަބުން އަންހެނުންނަށް ކުރިއަށް ދިއުމަށް ހުރަސް އެޅޭކަން ފާހަގަކޮށްފައެވެ. އަދި އަންހެނުން ބާރުވެރިކޮށް ކުރިއަށް ދާނެ މަގު ދައްކައި ދިނުމަށްޓަކައި، ތަޢުލީމީ ނިޒާމުގެ ބައެއް ކަންކަން ރަނގަޅު ކޮށްލަން ޖެހޭކަންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. ބީސީސީ އާއި އެސްޑީއެފްސީން ކުރިއަށްގެންދިޔަ ހިޔަލަ ފޯރަމަކީ އަންހެނުން މާލީގޮތުން ބާރުވެރި ކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެކަންކަމަށް އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ