ކާބޯތަކެތި ހުރިކަން އަންގަން ޖަހާ އިސްތިހާރަށް ހުއްދަ ހޯދާކާށް ނުޖެހޭނެކަމަށް ހެލްތު މިނިސްޓްރީ ބުނެފިއެވެ.
ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގެ ދަށުން އިޝްތިހާރުގެ ގޮތުގައި ބަލާނެ ކަންކަން ހެލްތު މިނިސްޓްރީން ވަނީ ސާފުކޮށްދީފަ އެވެ. އެގޮތުން ގަވާއިދުގެ ދަށުން، އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލް އިން ހުށަހަޅައި، ހުއްދަ ހޯދައިގެން ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ޤަވާއިދާ ހިލާފުވާ ފަރާތްތަކުން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
ސޯޝަލް މީޑިއާގައި ކާބޯތަކެތި ވިއްކުމަށް ޖަހާ ވަކިވަކި ޕޯސްޓުތައް އެއީ އިޝްތިހާރުގެ ގޮތުގައި ހިމެނި، ވަކިވަކި ޕޯސްޓުތަކަށް ހުއްދަ ނަގަން ޖެހޭތީ، ކާބޯތަކެތި ވިއްކާ އަދި އޭގެ ވިޔަފާރިކުރާ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދިއުމާގުޅިގެން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިޝްތިހާރެއް ކަމަށް ބަލާނީ ކާބޯތަކެތި ނުވަތަ އުފެއްދުމަށް ބޭނުން ކުރާ އެއްޗެއްގެ މަގުބޫލުކަން އިތުރު ކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ.
އަދި ރެސްޓޯރެންޓު ފަދަ ތަންތަނުގެ މެނޫ އާއި ކާބޯތަކެތި ހިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ހުރި ކަމަށް ބުނެ ވާޗުއަލް ޕްލެޓްފޯމެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓުތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.
ނަމަވެސް އެގޮތަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގައި ވިއްކާ ކާބޯތަކެއްޗަކީ އެފަދަ ދެވަނައެއް ނެތް އެއްޗެއް ކަމަށް ބުނެ ނުވަތަ އިތުރު އެއްޗަކާ އަޅާ ކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ބޭނުންކުރާ ނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.







