ގދ. ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ބޮއްސުން ލާފައިވާ ކަމަށާއި، އެ އެއާޕޯޓް ތަރައްގީ ކުރެވެނީ އެއާޕޯޓުގެ ހިންގުން ވިލާ ކުންފުނިން އަތުލައި، ސަރުކާރުގެ ދަށަށް ގެންގޮސްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
ކާޑެއްދޫ އެއާޕޯޓާ ގުޅޭ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ސިޓީއެއް ވަނީ ފޮނުވާފަ އެވެ. މިއަދު ކުރިއަށް ދިޔަ ކޮމިޓީގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެ ސިޓީއާ މެދު މަޝްވަރާ ކުރުމެވެ.
ކޮމިޓީ ބައްދަލުވުމުގައި ސައުދު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ހިނގަމުންދާ ގޮތް ބެލުމަށް އެސެސްމެންޓެއް ހަދާފައި ނުވާކަން ސިވިލް އޭވިއޭޝަނުން ކޮމިޓީއަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ ކަމަށެވެ.
އެކަމަކު އެސެެސްމެންޓެއް ހަދާފައި ނެތަސް އެ އެއާޕޯޓުގެ ކަންކަން އޮތީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ނޫން ކަމަށް ސައުދު ވިދާޅުވި އެވެ.
"މިހާރުވެސް އެސެސްމެންޓެއް ހެދިއްޔާ ފްލައިޓް ޖައްސަން ހުއްދަ ނުދޭ ހިސާބުގައި އެތާގެ [އެެއާޕޯޓް] ގެ ފެންވަރު އޮތީ،" އެއާޕޯޓް ބަލަހައްޓާފައިނުވާ ކަމުގެ އެއް މިސާލަކީ ރަންވޭ ކަމަށް ސައުދު ވިދާޅުވި އެވެ. "ރަންވޭގެ ހާލަތު އޮތީ ކޮންމެ ބަޔަކަށްވެސް ވަދެ ނިކުމެވޭ ފަދަ ގޮތަކަށް" ކަމަށް ވިދާޅުވި އެވެ.







