ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިއުލާނުގައި ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އެ ގާނޫނުގެ ދަށުން މާލޭގައި ނަމަ، އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
އެގޮތުން އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގުމަކީ މަނާކަމެއް ކަމަށާއި، އެހެންކަމުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ހަނދުމަކޮށް އަރުވާ ކަމަށެވެ.
ކާބޯތަކެތީގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާއި ތަންތަން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚުތިޔާރު ވެސް ގާނޫނުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ލިބިދީފައި ވެއެވެ.







