މާލެ: 31°C

ކޭ-ޕާކު މައްސަލާގައި މަންޑޭ ހައްޔަރު ކޮށްފި

ކޭ-ޕާކު މައްސަލާގައި މަންޑޭ ހައްޔަރު ކޮށްފި
July 5, 2023
2 ފަހަރު ބަލާފައި
ކޭ-ޕާކު މައްސަލާގައި މަންޑޭ ހައްޔަރު ކޮށްފި
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކި ކަމުގެ ތުހުމަތުގައި ހަސަން މަމްދޫހު (މަންޑޭ) ހައްޔަރު ކޮށްފިއެވެ. މިކަމުގެ މައުލޫމާތު ސާފު ކުރުމަށް މިނިވަން އިން މަސައްކަތް ކުރުމުން ފުލުހުން ބުނީ، ބަލަމުން ދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި މަންޑޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މަންޑޭ ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ވަނީ އަމުރެއް ނެރިފައެވެ. އެ އަމުރު ނެރުނީ އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމާ އެކުގައެވެ. މަންޑޭ އަކީ ކޭ ޕާކު ފްލެޓުތައް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ އޭރުގެ މައިނޯރިޓީ ހިއްސާދާރެވެ. ޕާކްގެ މައްސަލާގައި ތުހުމަތުކުރެވޭ މަންޑޭގެ އިތުރުން ދެމީހެއްގެ ޕާސް ޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. ހަންބޯ އިން ވަނީ މަންޑޭގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ. އެ ކުންފުނިން ވަނީ އެ ކުންފުނިން ހޯދަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް މަންޑޭ އެއްބާރުލުން ނުދޭ ކަމަށް ވެސް ކުރިން ބުނެފައެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ