ކޭޕާކު މައްސަލައިގައި އިތުރު ދެމީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
"މިނިވަން" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލޭގައި ހަންބޯ ކޮމްޕެނީއިން ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ)ގެ އިތުރުން ދެ މީހެއްގެ ޕާސްޕޯޓް މިހާރު ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް، އެ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
ހަމްބޯ ކުންފުނީގެ މައި ހިއްސާދާރު ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ ވަނީ މަންޑޭގެ މައްޗަށް މަކަރާއި ހީލަތް ހަދާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެ މައްސަލަ ފުލުުހަށް ހުށަހަޅައިފަ އެވެ.
ނަމަވެސް މި ތުހުމަތުތަށް ދޮގުކޮށް މަންޑޭ ވަނީ އިއްޔެ އޭނާގެ ދިފާއުގައި ނޫސް ބަޔާނެއް ނެރިފައެވެ.
އެ ބަޔާނުގައި މަންޑޭ ބުނީ، ކުންފުނީގެ އެއްވެސް ކަމެއް މައި ހިއްސާދާރަށް ނޭނގޭ ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށާއި، ހަންބޯ މޯލްޑިވްސް އިން ކުރާ ހުރިހާ ކަމެއްގެ ހިސާބުކިތާބު ވަރަށް ރަނގަޅަށް ކުންފުނީގެ އެކައުންޓެންޓުން ބަލަހައްޓާ ކަމަށެވެ. އެހެން ކަމުން މައި ހިއްސާދާރަށް ނޭނގޭނެ ކަމެއް ނޯނާނެކަމުގައި ވެސް ބަޔާނުގައި މަންޑޭ ވަނީ ބުނެފައެވެ.
ބަޔާނުގައި މަންޑޭ ބުނީ، އޭނާގެ އަގު ވައްޓާލީ، ކޭޕާކުގެ މަސައްކަތްކުރާ އަސްލު ކުންފުނިން ހަންބޯ މޯލްޑިވްސް އަށް ދީފައިވާ ހުރިހާ ބާރެއް އަތުލުމުން ކަމަށާއި، .ކޭޕާކު ފްލެޓްތައް ހަދާފައި ވަނީ އެތަން ވިއްކައިގެން ލިބުނު ފައިސާއިން ކަމަށެވެ. ޖިން ޝިހޫގެ އަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށާއި، އަދި އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތަކަށް ޖިން ޝިހޫގެ އެއްބާރުލުން ލިބިފައިި ނުވާ ކަމަށް ވެސް އެބަޔާނުގައި އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި މަންޑޭ ބުނީ، ކޭޕާކުގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމަޔަށް އޭނާ ދޭނެ ކަމަށެވެ.