ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަކިވެވަޑައިގަނެ، އޭނާގެ ބަދަލުގައި އެ ކޮމިޝަންގައި އިންނަވާ ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލަން ޖޭއެސްސީން 3 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލި އެވެ. އެ ކޮމިޓީގައި ޖޭއެސްސީގައި އިންނަވާ އުޝާމްވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސުުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަަލައެއްގައި އޭޖީ އުޝާމުގެ މަސްލަހަތު ހިމެނޭ ކަމަށް ބުނެ އަޒްމިރާލްދާ ޖޭއެސްސީއަށް އިއްޔެ ސިޓީއެއް ހުށަހެޅި އެވެ. އެ ސިޓީގައި އަޒްމިރާލްދާ ވިދާޅުވީ އޭނާގެ ސުލޫކީ މައްސަލަ ބަލަން ފެށީ އޭޖީއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި މައްސަލައެއް ހިނގަމުން ދަނިކޮށް ކަމަށެވެ.
އެ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. އެހެންވެ އަޒްމިރާލްދާގެ ސިޓީގައި ވިދާޅުވީ އެއީ އޭޖީގެ މަސްލަހަތު އޮތް ކަމެއް ކަމަށެވެ.







