މާލެ: 31°C

ޖޭޕީ ސްލޮޓްތައް ހުސްކުރަންޏާ ރައީސް ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ: ގާސިމް

ޖޭޕީ ސްލޮޓްތައް ހުސްކުރަންޏާ ރައީސް ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ: ގާސިމް
March 15, 2023
2 ފަހަރު ބަލާފައި
ޖޭޕީ ސްލޮޓްތައް ހުސްކުރަންޏާ ރައީސް ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ: ގާސިމް
ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިއަކަށް ވާތީ ޖުމްހޫރީ ޕާޓީގެ ބޭބޭފުޅުންނަށް ސަރުކާރުން ދީފައިވާ މަގާމުތަކުން އެބޭފުޅުން އިސްތިއުފާދޭން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރަކު ގޮވައިލެއްވުމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ޖޭޕީން ސަރުކާރާ އެއްކޮށް މަސައްކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުން މިއަހަރުގެ ނޮވެމްބަރާ ހަމައަށް އޮންނާނެ ކަމަށެވެ. އެހެންވީމާ ޖޭޕީން ކުރިއަށް އޮތް ރިޔާސަށް ވަކިން ނުކުންނާތީ ޖޭޕީ މެމްބަރުން ސަރުކާރުން ވަކިވާން ޖެހޭ ނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއަހަރުގެ ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮާށްގެން މި ސަރުކާރުގައި ތިބީ. އެހެން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވައިލާނީ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާދެއްވާށޭ،" ގާސިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމީ ރޭގެ ވަގުތެއްގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތީ ގާސިމަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެހެން ނަމަވެސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން މިއަދުން ފެށިގެން އިސްތިއުފާދޭން ޖެހޭނެ ކަމަށެވެ. "ރައްޔިތުންނަށް ހިދުމަތްދޭން ތިބި ބަޔަކަށް ރައީސުލް ޖުމްހޫރިއްޔާ އާ ވާދަކުރާ އެ ޕާޓީގެ ކެންޑިޑޭޓެއް ހުރެމެ، ކިހިނެތްތޯއޭ އެ ބޭފުޅުންނަށް ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ،" ސަނީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ މަސްލަހަތަށް ޓަކައި ދައްކަވާ ވާހަކައެއް ކަމަށެވެ. އޭފެ ފަހުން ބަހުސްގައި ލިބިވަޑައިގެންނެވި ފުރުސަތުގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ މަގާމުތައް ދީފައި ވަނީ " އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން" ކަމަށެވެ. ރިޔާސީ އިންތިހާބަށް 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުކުމެވަޑައިގެންނެވި އިރު ޖޭޕީއާއި އެމްޑީޕީއާ ދެމެދު ހެދި ކޯލިޝަންގެ އެއްަބަސްވުމުގައި ޖޭޕީއަށް ދޭން ވައުދުވި ވަރުގެ ބައިކުޅަބައި ވެސް ދެވުނުތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކު މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އިސްތިއުފާ ދެއްވަން ވިދާޅުނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ އެއްގޮތަކަށް ވެސް އިސްތިއުފާ ނުދެއްވުމަށް. ދައުލަތަށް ހިދުމަތް ކުރުމުގައި އެމްޑީޕީއެއް ޖޭޕީއެއް އަދި އަދާލަތު ޕާޓީއެއް އެހެން ޕާޓީއެއް އަދި އެއްވެސް ޕާޓީއެއް އިސްތިސްނާ ނުވޭ. ކޮންމެ މީހަކަށް ވެސް އެމީހަކަށް ހަވާލުވެފައިވާ މަގާމަކާ ޒިންމާއެއް އަދާކުރުމުގައި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ކަމަށް ވާ ނަމަ، އެމީހަކު އެކަމުގައި ދެމިހުރުމަކީ އެއްވެސް މައްސަލައެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިމޭރުމުން ވާހަކަ ދެއްކެވި ފަހުން ވެސް މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން ވަކިކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ