މާލެ: 31°C

ޖިނާއީ ތަހުގީގެއްގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފި

February 26, 2025
141 ފަހަރު ބަލާފައި
ޖިނާއީ ތަހުގީގެއްގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފި
ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީން ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްފައިވަނީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.

ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށެވެ.

ޖޭއެސްސީ އިން ބުނި ގޮތުގައި ތިން ފަނޑިޔާރުން ހައްޔަރުކުރީ ޖިނާއީ ތަހުގީގަކާ ގުޅިގެންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ، ނުވަތަ ބަންދުކޮށްފި ނަމަ ނުވަތަ ތަހްގީގު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރަން ފަށައިފިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފި ނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެ ފަނޑިޔާރެއް މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމާ މެދު އަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ،" ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަސައްކަތުން 3 ފަނޑިޔާރަކު މިއަދުން ފެށިގެން ވަގުތީ ގޮތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 4 ވަނަ ޖަލްސާގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމުން ތާވަލުކޮށް، އަޑުއެހުން ފެށުމަށް ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ