މާލެ: 31°C
ޖިނާއީ ކުށެއް ކޮށްފިނަމަ، ޒިއްމާވާންޖެހޭ އުމުރެއްގެ ގޮތުގައި 12 އަހަރު ކަނޑައަޅަނީ

ޖިނާއީ ކުށެއް ކޮށްފިނަމަ، ޒިއްމާވާންޖެހޭ އުމުރެއްގެ ގޮތުގައި 12 އަހަރު ކަނޑައަޅަނީ

April 6, 2024
2 ފަހަރު ބަލާފައި
ޖިނާއީ ކުށެއް ކޮށްފިނަމަ، ޒިއްމާވާންޖެހޭ އުމުރެއްގެ ގޮތުގައި 12 އަހަރު ކަނޑައަޅަނީ
ޖިނާއީ ކުށެއް ކޮށްފިނަމަ، އެ ކުށަކަށް ޒިއްމާވާންޖެހޭ އުމުރެއްގެ ގޮތުގައި 12 އަހަރު ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެއެވެ. ގާނޫނީ އިޖުރާއަތްތައް މިހާރު އޮންނަގޮތުން ނަމަ، ޖިނާއީ ކުށެއް ކޮށްފިނަމަ ޒިއްމާވާންޖެހޭ އުމުރެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަނީ 15 އަހަރެވެ. އއ.ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން، ރައްޔިތުންގެ ރުޅިވަރިކަން ފާޅުކުރުމާއި ގުޅިގެން ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރުފުރާ 15 އަހަރުން 12 އަހަރަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އުޝާމް ވިދާޅުވީ ރޭގެ އެ ހާދިސާއާ ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިއްމާއަކަށް ވީހިނދު އެކަންކަން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންނަމަވެސް ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރާނޭކަމަށް އުޝާމް ވިދާޅުވިއެވެ. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 2019 ވަނަ އަހަރު ރައްޔިތުންގެ ކުޑަކުދިންގެ އަދުލުގެ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، 2020 ވަނަ އަހަރު އެ ޤާނޫނަށް އަމަލުކުރަން ފެށިނަމަވެސް އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ރިބިލިޓޭޝަން ސެންޓަރުތަކާއި އެނޫންވެސް ކުރަންޖެހޭ ކަންކަން މިވީ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ނުފެށި ވާކަން އުޝާމް ވަނީ ފާހަގަ ކުރައްވާފައެވެ. އުޝާމް ވިދާޅުވީ ކުދިން ކުރާ މިފަދަ ކަންކަމަށް ފިޔަވަޅު އަޅަން ބަލާއިރު، ޤާނޫނީގޮތުން އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި، މިގޮތުން ގާނޫނީގޮތުން އެހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޤާނޫނު މިހާރު އޮތްގޮތުން ކުޑަކުއްޖަކު ޑިޓެންޝަން ސެންޓަރަށް ގެންދަން ވެއްޖެނަމަ ކޯޓުގެ އަމުރެއް ހޯދަންޖެހޭއިރު ޤަނޫނު މިހާރު އޮތްގޮތުން އެއީ ކޮން ކޯޓެއްކަން ސާފުނުވާކަމަށާއި، މިއީވެސް މިދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި މިކަން ނުކުރެވި އޮތް ސަބަބުކަމަށް އުޝާމް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ މި ބާވަތުގެ ކަންކަމުގައި ސްކޫލުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސެން ޓީޗަރުން އަދި ކައުންސިލަރުން އެކަށީގެންވާވަރަށް ނެތުންކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ 250 އެއްހާ ސްކޫލު ހުރިއިރު، އެ ސްކޫލްތަކަށް ބޭނުންވާ ކައުންސިލަރުންނާއި ސެން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ފަށާފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ވެސް ވަނީ މިބާވަތުގެ ކަންކަން މި މުޖުތަމައުއިން ނައްތާލުމަށް އެ މިނިސްޓްރީން ކުރިއަށް އޮތްތަނުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނޭކަމަށް ވިދާޅުވެފައެވެ. މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯއެއް ރޭ ސޯޝަލް މީޑިއާގައި ލީކުވެ، އެކަންތައް އާއްމުންގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ މައްސަލަ ބެލުމަށް ކަމާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހާއްސަ ޓީމެއް މިހާރު ވަނީ އއ.ރަސްދޫއަށް ގޮސް މަސައްކަތް ފަށާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ