ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިދިކޮޅު އެމްޑީޕީންނެވެ.
ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި އެ މީހުންގެ ހުއްދައަކާ ނުލައި ޕީއެންސީއަށް ވެއްދި ކަމަށް ތުހުމަތު ކުރެވޭތީ އެވެ. މީގެ އިތުރުން އިތުރު މައްސަލަތަކެއްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
އެމްޑީޕީގެ ތުހުމަތުތަކަށް މިނިސްޓަރު އިހުސާން ވަނީ މީގެ ކުރިން އިންކާރު ކުރައްވާފަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި އިތުރަށް ތުހުމަތު ކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ”ބެސްޓިނެޓް“ ކުންފުންޏާ ހަވާލު ކުރި ކަމަށެވެ.
މީގެ އިތުރުން، ފުލުހުންގެ ތަހުގީގުތަކަށް އިހްސާން އިސްވެ ހުންނަވައިގެން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޕީއެންސީއަށް ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން އެ އޮފީހުގެ ތެރޭގައި އިހްސާންގެ ބެއްލެވުމުގެ ދަށުންކަން ހާމަވެގެންވެސް ގޮސްފައިވާ ކަމަށެވެ.






