މާލެ: 31°C

ޖަވާބުދާރީވާން ބަންޑާރަނައިބް، ރިއްފަތަށް ނޯޓިސް ފޮނުވައިފި

ޖަވާބުދާރީވާން ބަންޑާރަނައިބް، ރިއްފަތަށް ނޯޓިސް ފޮނުވައިފި
May 18, 2023
2 ފަހަރު ބަލާފައި
ޖަވާބުދާރީވާން ބަންޑާރަނައިބް، ރިއްފަތަށް ނޯޓިސް ފޮނުވައިފި
ޗާގޯސް މައްސަލައާ ގުޅިގެން، ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ އިދާރާ އިން އޭނާއަށް 14 ދުވަހުގެ ނޯޓިސް އިއްޔެ ދީފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ މަޖިލީހަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ 13 މެންބަރުންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް މޭ 16، 2023ގައި އެޓާނީ ޖެނެރަލަށް ފޮނުވިފަ ވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. "އެ މައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް އިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ފަހުން އަރުވާނަން،" ނަޝީދު އިތުރަށް ވިދާޅުވިއެވެ. ރިފްއަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ