މާލެ: 31°C

ޖަޕާނު ސަރުކާރުން އެމްއެންޑީއެފަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮއްފި

December 20, 2022
2 ފަހަރު ބަލާފައި
ޖަޕާނު ސަރުކާރުން އެމްއެންޑީއެފަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮއްފި
ޖަޕާނު ސަރުކާރުން އެމްއެންޑީއެފަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮއްފި
ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކުރައްވައިފިއެވެ. މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން މި ވެސެލް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި ވެސެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވަނީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި ބަދަހި ގުޅުން ފާހަގަކުރައްވައި، އެ ޤައުމުން ވެދެއްވާ ދީލަތި އެހީތަކަށް ޝުކުރު ދަންނަވާފައެވެ. ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރެއްވި އޮއިލް ބޫމް ވެސަލް ވެގެންދާނީ، ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަޕާނުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޤައުމެއްކަމަށާއި، އޭގެތެރޭގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައާއި، ތަޢުލީމީ ދާއިރާއާއި، ހެލްތު ކެއަރ އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާތަކުން އެ ޤައުމުން ގިނަގުނަ އެހީތެރިކަން ވެދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ ވަށައިގެން ލެވިފައިވާ ބޭރުތޮށި ލުމުގެ މަސައްކަތަކީ ޖަޕާނުން ވެދެއްވާފައިވާ ފާހަގަކޮށްލެވޭ އެހީތެރިކަމެއްކަން ފާހަގަކުރައްވައި، ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވީ ވެސް ޖަޕާނުގެ ދުރުވިސްނުމާއެކު ބިނާ ކުރެވިފައިވާ އެ ބޭރު ތޮށީގެ ސަބަބުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ