މާލެ: 31°C
އިއްޔެ ސަލާމަތްވީ މަރުގެ އެތިފަހަރަކުން: ޕައިލެޓް

އިއްޔެ ސަލާމަތްވީ މަރުގެ އެތިފަހަރަކުން: ޕައިލެޓް

May 22, 2024
2 ފަހަރު ބަލާފައި
އިއްޔެ ސަލާމަތްވީ މަރުގެ އެތިފަހަރަކުން: ޕައިލެޓް
ހަމަކުއްލިއަކަށެވެ. ބޯޓު އެދަނީ ވެއްޓޭށެވެ. ބައެއް މީހުން ގޮނޑިން ވިއްސައިގެން ގޮސް ސީލިންގްގައި ޖެހުނެވެ. ބޯޓުން ނެއްޓިގެން ވެއްޓުނު ބައިތަކާއި ކާއެއްޗެހި ރައްކާކުރާ ކާޓްތައް ތަންޑު ފުނޑުފުނޑުކޮށްލާފައި މުޅި ބޯޓު ތެރޭގައި ދުވަން ފެށިއެވެ. ބައެެއް ފަސެންޖަރުން ގައިގައި ޖެހި އަނިޔާވެސްވިއެވެ. މިފަހަރު މިއީ ދެތިން ސިކުންތުކޮޅެއްގެ ކުޑަ ވަގުތު ކޮޅެެކެވެ. އިއްޔެ ގަދަ ކޮޅިގަނޑެއްގައި ޖެހުނު ސިންގަޕޫރު އެއާލައިންސްގެ ބޯޓު، އެކޮޅިގަނޑުގެ ބާރުގަދަކަމުން ކުއްލިއަކަށް 7000 ފޫޓު ތިރިއަށް ވައްޓާލިއެވެ. މިއީ ތަޖުރިބާކާރު ޕައިލެޓް ގަސްތުގައި ކުރި ކަމެކެވެ. މި ހާދިސާގައި އެކަކު މަރުވެ، ތިރީހަށްވުރެ ގިނަ މީހުން ވަރަށް ބޮޑަށް ޒަހަމްވިއެވެ. ހާލަތު މާބޮޑަށް ގޯސްވުމުން ބޯޓު އިމަޖެންސީގައި ގޮސް ޖެއްސީ ތައިލެންޑްގެ ވެރިރަށް ބެންކޮކަށެވެ. އަނިޔާވި އެންމެނަށް މިހާރުވެސް ބެންކޮކުގެ ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާ ދެމުންނެވެ. އެކަން ކުރިއަށް ދަނީ އިއްޔެ ސިންގަޕޫރުން ތައިލެންޑަށް ފޮނުވި ޚާއްސަ ޓީމެެއްގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. ބެންކޮކުގައި ބޯޓު ޖެއްސުމަށް ފަހު ޓަވަރުގައި ތިބި އެހީތެރިންނަށް އިޝާރާތްކޮށް ސިންގަޕޫރު އެއާލައިންސްގެ ޕައިލެޓް ބުނެފައިވަނީ "ވަރަށް ނާދިރު ހާލަތަކުން އަަހަރެމެން ސަލާމަތްކޮށްދީ ބެންކޮކު އެއާޕޯޓަށް ޖައްސަން އެހީތެރިވެ، މަގުދައްކައިދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ." އޭނާ އިތުރަށް ބުނެފައިވަނީ އިއްޔެގެ ހާދިސާއަކީ ބޯޓު ކޮންޓްރޯލުން ނެއްޓި ވެއްޓުން ވަރަށް ގާތުގައިވި ހާދިސާއެކެވެ. "އަހަރެންނަށް މިހާރުވެސް މަރު ފެންނަ ފަދަ،" ޕައިލެޓް ބުނެފައިވެއެވެ. "އަދި 200އަށްވުރެ ގިނަ މީހުން މަރުވެ، އިންސާނީ ބޮޑު ކާރިސާއެއް ނުހިނގާ ސަލާމަތްވުމަކީ އާދަޔާ ޚިލާފު ހަގީގަތެއް،" ބައެެއް ފަސެންޖަރުން ކިޔައިދިން ގޮތުގައި ލަންޑަންގެ ހީތުރޫ އެއާޕޯޓުން ނައްޓާލައިގެން ބޯޓު ދަތުރުކުރަން ފެށިއިރު މޫސުމީ މާބޮޑު އުނދަގޫތަކެއް ބޯޓަކަށް ނުކުރެެއެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއް ނުވެ ޓާބިއުލަންސްގައި ބޯޓަށް އަރަންފެށި ލޮޅުންތައް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންނެވެ. "ހީވަނީ ހަމަ ދެންމެ ދެންމެ ބޯޓު ވެއްޓިދާނެހެން. ކަލިވަތްތަކުގައި ހުރި އަތްދަބަސްތައް ވެސް ވެއްޓި އެތައް ބައެއްގެ ބޯފެޅި، އަތްފައި ބިނދިފަ ތިބީ. ޕައިލެޓް އިރުޝާދު ދީފަ އޮތީ ކޮންމެ ހާލަތެއް މެދުވެރިވިއަސް ސީޓް ބެލްޓް ނައްޓާނުލުމަށް. އަދި އޮކްސިޖަން މާސްކްތައް ވެއްޓިއްޖެނަމަ، މާސްކު އަޅައިގެން ތިބުމަށް،" އެކަކު ކިޔައިދިނެވެ. "ކުރޫއިންނަށް ތިބިތަނުން ގުޑުވާލާނެ ވަގުތެއްވެސް ނުލިބޭ. ބައެއް ކުރޫއިންގެ ބޯފަޅައިގެން ގޮސް، ލޭ މޫނުމައްޗަށް ފައިބާފައި ހުއްޓާ ދުށިން. އެއީ ބިރުވެރި ދަތުރެއް. މިހާރުވެސް ހީވަނީ މޭގަނޑު އަނގަޔަށް އައިސްދާނެހެން. މިއިން ދުވަހަކު ދެން ފްލައިޓް ދަތުރުކުރާކަށް ނުކެރޭނެ." ދުނިޔޭގެ އޭވިއޭޝަންގެ ތަޖުރިބާކާރުންނާއި ރިޓަޔާޑް ޕައިލެޓުން ބުނެފައިވާ ގޮތުގައި އިއްޔެ ސަލާމަތުން ސިންގަޕޫރު އެއާލައިންސްގެ ބޯޓު ބެންކޮކަށް ޖެއްސުނީ ޕައިލެޓްގެ އާދަޔާޚިލާފު ހުށިޔާރު ކަމާއި ބޯޓުގެ އާކަމުންނެވެ "އެއީ މަރުގެ އެތި ފަހަރެއް. ކޮޅިގަނޑުގެ ބާރުގަދަކަމާއި ބޯޓަށް އެރި ކުއްލި ލޮޅުމަކީ އާދައިގެ ޕައިލެޓަަކަށް ހެންޑްލް ކުރެވޭނެ ސިހުމެއް، ޝޮކެއް، ނޫން. އިއްޔެގެ އެޕައިލެޓާމެދު އަހަރެން ފަހުރުވެރިވަން،" އެމެރިކާގެ ތަޖުރިބާކާރަކު އޭނާގެ އެކްސްގައި ކޮމެންޓްކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ