ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފައިސާ ނުދީ އިތުރު ގަޑީގައި މަސައްކަތް ކުރުވުން ހުއްޓާލުމަށާއި، 2023 ވަނަ އަހަރުން ފެށިގެން މަޖުބޫރުން ކޮށްފައިވާ މަސައްކަތަށްވާ ފައިސާ ދިނުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ގޮވާލައިފި އެވެ.
އެ ޔޫނިއަންއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ހިންގާ ސަރުކާރު ހޮސްޕިޓަލް ތަކުގައި މަސައްކަތްކުރަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ދޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި މަސައްކަތްކުރުވާ އެ ގަޑީގެ ފައިސާ ހަމައަށް ނުދީ މަަސައްކަތްކުރުވަމުންގެންދާތީ އެކަމަކީ އެ ޔުނިއަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޔޫނިއަނުން ބުނީ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުން އިތުރުވުމުގެ ސަބަބުން ރަސްމީ ގަޑި ފިޔަވާ އެހެން ގަޑިތަކުގައިވެސް މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މުވައްޒަފުންގެ އަސާސީ މުސާރައިގެ 10 އިންސައްތައަށް ވާ ވަރަށްވުރެ އިތުރަށް މަސައްކަތްކުރުވުމަކީ މަސައްކަތްދޭ ސުޕަވައިޒަރުންގެ މައްޗަށް މަނާކަމެއްކަަން ޔޫނިއަނުން ހަނދާން ކޮށްދިނެވެ.







